އިންޑިއާގެ ސިނަމާގައި އެންމެ މަގުބޫލު ޖޯޑުތަކުގެ ތެރޭގައި ހިމެނޭ ރަޝްމިކާ މަންދަނާ އާއި ވިޖޭ ދެވަރަކޮންޑާގެ ކައިވެނީގެ ވާހަކަތަކަށް ނިމުމެއް ގެނެސް، އެ ދެ ތަރިން ރަސްމީކޮށް ކައިވެނި އިއުލާނުކޮށްފިއެވެ. މީގެ ކުރިން ހަމައެކަނި އަޑުތަކެއްގެ ގޮތުގައި އޮތް މި ޚަބަރު ކަށަވަރުކޮށްދީފައިވަނީ އިއްޔެ ދެ ތަރިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށެވެ.
މި ކައިވެންޏާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދެކެވެމުން އައި ވާހަކަތަކަކީ މި މަހުގެ ފަހުކޮޅު ކައިވެނި ކުރާނެ ކަމުގެ ވާހަކަތަކެވެ. ޚާއްސަކޮށް ހައިދަރުއާބާދުގެ އެއާޕޯޓުން ދެ ތަރިން ވަކިވަކިން ފުރަން ދިޔަ މަންޒަރު ފެނުމާއެކު، ފޭނުންގެ މެދުގައި މިކަމުގެ ޔަގީންކަން ވަނީ އިތުރުވެފައެވެ. އަދި ވިޖޭގެ ގޭގައި ކައިވެނީގެ ތައްޔާރީތައް ކުރަމުން އަންނަ މަންޒަރުތައް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
"ވިރޯޝް" ވެޑިން: ތާރީޚާއި ތަން
ދެ ތަރިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފޭނުން އެމީހުންނަށް ދީފައިވާ ލޯބި ނަމެއް ކަމަށްވާ "ވިރޯޝް" (ވިޖޭ + ރަޝްމިކާ) ގެ ނަމުން ކައިވެނި ނަންދީފައިވާ ކަމަށެވެ. "އަހަރެމެން އެއްވެސް ޕްލޭނެއް ހެދުމުގެ ކުރިން ތިޔަ އެންމެން ތިބީ އަހަރެމެންނާއެކު. ފޭނުން ލޯބިން އަހަރެމެންނަށް 'ވިރޯޝް' ގެ ނަން ދިން. އެހެންކަމުން މިއަދު އަހަރެމެންގެ ކައިވެންޏަށް މި ނަންދެނީ ފޭނުންގެ ޝަރަފުގައި،" އިންސްޓަގްރާމްގައި ހިއްސާކުރި ނޯޓުގައި ވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކައިވެނި ހަފުލާ ބާއްވަން ހަމަޖެހިފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހު، ރާޖަސްތާންގެ އުދައިޕޫރުގެ ތާރީޚީ ގަނޑުވަރެއްގައެވެ. މިއީ އާއިލާއާއި ގާތް ރަހުމަތްތެރީންނަށް އެކަނި ދައުވަތު ދީގެން ބާއްވާ ޕްރައިވެޓް ހަފުލާއެކެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހައިދަރުއާބާދުގައި ސިއްރުން އެންގޭޖްމަންޓް ހަދާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ސަޕޯޓަރުންގެ އުފަލާއި ފިލްމީ ދާއިރާ
މި އިއުލާނާއެކު ސޯޝަލް މީޑިއާގައި "ވިރޯޝް" ހޭޝްޓެގް ވަނީ ޓްރެންޑްވާން ފަށާފައެވެ. ގިނަ ދުވަސްތަކެއް ވާންދެން މި ދުވަހަށް އިންތިޒާރުކުރި ފޭނުން އަންނަނީ ދެ ތަރިންނަށް މަރުހަބާ ކިޔަމުންނެވެ. ފިލްމީ ދާއިރާގެ ފަރާތްތަކަށް ޚާއްސަކޮށްގެން މާޗް މަހުގެ ކުރީކޮޅު ހައިދަރުއާބާދުގައި ބޮޑު ރިސެޕްޝަނެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރަޝްމިކާ އާއި ވިޖޭގެ ގުޅުން ބަދަހިވެގެން ދިޔައީ 2018 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ގީތާ ގޯވިންދަމް" ގެ ސެޓުންނެވެ. އޭގެ ފަހުން "ޑިއާ ކޮމްރޭޑް" ގައި ވެސް އެކުގައި މަސައްކަތްކޮށްފައިވާއިރު، ދެ ތަރިންގެ ކެމިސްޓްރީއަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. މިއީ ދެކުނު އިންޑިއާގެ ފިލްމީ ދާއިރާއިން މިފަހުން ފެންނާނެ އެންމެ ފާހަގަކޮށްލެވޭ ކައިވެންޏަށް ވެގެންދާނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް