މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާކުރުމަށް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ބުނީ އެ މަސަައްްކަތް ކުރިޔަށްގެންދަނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް، މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް)– ޕެކޭޖް ދޭއްގެ ދަށުން ކަމަށެވެ.

އެކަމުގެ އެއްބަސްވުމުގައި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަން އާއެކު މިމަހުގެ 17 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި ޓެކް އިންޓާނޭޝަނަލް އިންކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މަކޯޓޯ ޔޮކޮށީ އެވެ.

މި ޕެކޭޖުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • މާލޭގައި ގާއިމްކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ހަރުކުރަންޖެހޭ އާލާތްތައް ޕަންމްޕް ސްޓޭޝަންތަކުގައި ހަރުކުރުން
  • މަޝްރޫއުގެ ތެރެއިން 16 ޕަންމްޕް ސްޓޭޝަން މޮނިޓާ ކުރުމަށްޓަކައި ސެންޓްރަލައިޒްޑް މޮނިޓަރިން ސްޓޭޝަންނެއް ގާއިމްކުރުން
  • ފެންހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގެ ވެހިކަލްއެއް ފޯރުކޮށްދިނުން