ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލްކޮށް، ކަށި މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ހައިކޯޓަށް އަލުން ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މީގެ ކުރިން ވެސް އެކަން ހުއްޓުވުމަށް ހަމަ ހައިކޯޓަށް ހުށަހެޅި، ހ. ޝޭޑީކޯނަރު ހުމައިދާ އަބްދުލް ގަފޫރު އާއި މ. މާމުލި މުހައްމަދު ސީސީން އެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ކުރާ މި ދެ މީހުން މި މައްސަލަ މީގެ ކުރިން ވެސް ހައިކޯޓަށް ހުށަހެޅިއެވެ.
ނަމަވެސް ދިވެހި ދައުލައުލަތް (އެޓާނީ ޖެނެރަލްގެ އޮފީސް) އާ ދެކޮޅަށް ހުށަހެޅި މި މައްސަލަ އެ ފަހަރު ކޯޓުން ބޭރުކޮށްލިއެވެ.
މިދިޔަ ޑިސެމްބަރު މަހު ހުށަހެޅި އެ މައްސަލަ ހައިކޯޓަށް ބަލައި ނުގަތުމަށް ނިންމި ނިންމުމުގައި، އެ ކޯޓުގެ ރަޖިސްޓްރާ މަރްޔަން ހޫރުޝީދާ ވިދާޅުވެފައި ވަނީ، ދުސްތޫރީ މައްސަލަ ބެލުމަށް ހައިކޯޓަސް ލިބިފައިވާ އިހްތިސާސްއަކީ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބަަލައިގަންނަ މައްސަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒްވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދުގެ ބައެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ތައާރަޒުވާ ކަަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައްކަން ކޯޓުތަކުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނާއި ހައިކޯޓުގެ ގަވާއިދުން އެނގެން އޮންނަ ކަމަށެވެ.
މި މައްސަލައިގެ ދައުވާގެ ސީގާ އާއި ދައުވާ ބިނާކުރާ ސަބަބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ "ދިވެހި ރާއްޖޭގެ ކަށިމިޔަރު މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭން" އަކީ ކޯޓުތަކުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނާއި ހައިކޯޓުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ "ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް" ނޫން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު، ގާނޫނުއަސާސީ އާއި މަސްވެރިކަމުގެ ގާނޫނާ ހިލާފު ކަމަށް ދައުވާގެ ސީގާގައި ބަޔާންކޮށްފައި ވީ ނަމަވެސް، ދުސްތޫރީ މައްސަލަ ހުށަހަޅާ ފޯމުގައި، އެ ގަވާއިދު ގާނޫނުއަސާސީ އާއި މަސްވެރިކަމުގެ ގާނޫނާ ހިލާފު ވަނީ ކިހިނަކުން، ކޮން ގޮތަކުންކަން ބަޔާންކޮށްފައިނުވާތީ، މި މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ސަރުކާރުން ހުއްދަކޮށް، އެކަމާ ގުޅޭ އުސޫލު އާއްމު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް