އިންޑިއާގެ ސިނަމާތަކުގައި މި މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ދަ ކެރެލާ ސްޓޯރީ 2: ގޯސް ބިޔޯންޑް" ގެ ރިލީޒް ހުއްޓުވުމަށާއި، އެ ފިލްމަށް ދީފައިވާ ސެންސަރު ސެޓްފިކެޓް ބާތިލުކުރުމަށް އެދި ކެރެލާ ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅީ ކެރެލާގެ ކަންނޫރުގެ ރައްޔިތެއް ކަމަށްވާ ސްރީދޭވް ނަމްބޫދިރީއެވެ. އޭނާ ހުށަހެޅި ޕެޓިޝަނާ ގުޅިގެން، ކެރެލާ ހައިކޯޓުގެ ފަނޑިޔާރު ބެޗޫ ކޫރިއަން ތޯމަސް ވަނީ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ސަންޝައިން ޕިކްޗާސްއާއި، ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓްފިކޭޝަން (ސީބީއެފްސީ) އަދި އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީއަށް ޖަވާބުދާރީވުމަށް އަންގައި ނޯޓިސް ފޮނުވައިފައެވެ.
ޕެޓިޝަން ހުށަހެޅި ފަރާތުން ކޯޓުގައި ބުނެފައިވަނީ، މި ފިލްމުގެ ޓްރެއިލާއާއި ޓީޒާއިން ފެންނަ ގޮތުގައި އެކި ސްޓޭޓްތަކުގެ އަންހެނުންގެ ވާހަކަ ގެނެސްދިން ނަމަވެސް، ފިލްމަށް "ދަ ކެރެލާ ސްޓޯރީ" ގެ ނަން ދީފައިވަނީ ގަސްތުގައި ކެރެލާއާ މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް ކަމަށެވެ. އަދި ޓެރަރިޒަމާއި މަޖުބޫރުން ދީން ބަދަލުކުރުވުން ފަދަ ކަންކަމަކީ ހަމައެކަނި ކެރެލާއަށް ހާއްސަ ކަންކަމުގެ ގޮތުގައި ދައްކުވައިދޭން މަސައްކަތްކޮށްފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއެވެ.
މީގެ އިތުރުން، ފިލްމުގެ ޓީޒާ ނިމޭއިރު "އަބް ސަހޭންގޭ ނެހީ... ލަޅޭންގޭ" (ދެން ކެތެއް ނުކުރާނަން... ހަނގުރާމަ ކުރާނަން) މިހެން ބުނާ އަޑު އިވޭކަން ފާހަގަކޮށް، މިއީ މުޖުތަމައުގެ ހަމަޖެހުން ނަގާލައި، ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ. އަދި 1952 ވަނަ އަހަރުގެ ސިނަމަޓޯގްރަފް އެކްޓުގެ 5ބީ މާއްދާގައި ބަޔާންކުރާ މިންގަނޑުތަކަށް ސެންސަރު ބޯޑުން ރިއާޔަތްކޮށްފައި ނުވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު (24 ފެބްރުއަރީ) ބޭއްވުމަށް ކޯޓުން ވަނީ ތާވަލުކޮށްފައެވެ. ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަންވެސް ވަނީ މި ފިލްމަކީ ކެރެލާއާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހަދާފައިވާ ފިލްމެއް ކަމަށް ވިދާޅުވެ، ފިލްމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް