ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، އިއްޔެއިން ފެށިގެން ފުލުހުންގެ ހިދުމަތުން ވަކިވެފައިވާތީ ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާ ހޯމް މިނިސްޓަރު އަލީ އިހްސާން ހަވާލުކުރައްވާފައިފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ނަވީން، މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވައި ރިޓަޔާވުމަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.
ނަވީސް ފޭސްބުކުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ފެށުނު ރޯދަމަހާއެކު އޭނާގެ ރިޓަޔާމެންޓް ވެސް ފައްޓަވައިފައިވާ ކަމަށެވެ.
ނަވީން ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި 32 އަހަރު މަސައްކަތް ކުރެއްވިއްޖެ ކަމަށާއި، ފުލުހުންގެ ހިދުމަތާ ދުރަށްޖެހިވަޑައިގަންނަވަނީ ވެސް، ހިދުމަތާ ގުޅުނުއިރު ގެންގުޅުއްވި ގަބޫލުކުރުންތަކާއެކު ކަމަށެވެ.
ފުލުހުންގެ މުއައްސަސާއަށް ކުރި އިހުތިރާމާއި، އިތުބާރާއި ގައުމަށް އޮތް ލޯތްބަށް ފަނޑުވުމެއް ނާންނާނެ ކަމަށާއި، ފުލުހެއްގެ ގޮތުގައި ހިދުމަތް ކުރުމަކީ ލިބިވަޑައިގަތް ޝަރަފެއްކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަންކުރުމުގެ މަރުހަލާގައި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމު ވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ނަވީން އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ.
ނަވީން ރިޓަޔާކުރެއްވިއިރު، ފުލުހުންގެ ވެލްފެއާ ކުންފުނި "ޕޮލްކޯ" އާ ގުޅުންހުރި ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، އޭނާއާ އެކު ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާދީފައިވާ ދަނޑިވަޅެއްގައެވެ.
ނަމަވެސް، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އާއިޝަތު މާހާ
ޕޮލިސް
ޕޮލިސް
ޕޮލިސް