ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު، ބަންގުލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލެ ވަޑައިގެންފިއެވެ.

ބަންގުލަދޭޝްގެ ޑާކާއަށް ރައީސް ކުރެއްވި މި ދަތުރުފުޅަކީ، އެ ގައުމުގެ އާ ސަރުކާރު ހުވާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ބަންގުލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން، ރައީސް ވަނީ ބަންގުލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހުމާނާ ބައްދަލުކުރައްވައި، ދޭދޭ މަޝްވަރާތައް ބާއްވަވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިއީ 17 ނޮވެމްބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް މުއިއްޒު ބަންގުލަދޭޝްއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ބަންގުލަދޭޝްގައި އާ ސަރުކާރެއް އެކުލަވާލާފައިމިވަނީ 2024 ވަނަ އަހަރު ކުރި ލޭއޮހޮރުވުން ބޮޑު މުޒާހަރާތަކުގައި އޭރުގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ 15 އަހަރުވީ ވެރިކަން ވައްޓާލުމަށްފަހުއެވެ.

ބަންގުލަދޭޝްގައި މިމަހުގެ 12 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އިސްވެ އުފައްދާފައިވާ ކޯލިޝަނުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި އެ ކޯލިޝަނުން ކާމިޔާބުކޮށްފައިވާ އިރު، އާ ބޮޑުވަޒީރަކަށް ވަޑައިގެންނެވީ ޚާލިދާގެ ދަރިކަލުން އަދި ޕާޓީގެ ޗެއާމަން ތާރިގް ރަހްމާނެވެ.

ތާރިގް ރަހްމާން ވެވަޑައިގެންފައިވަނީ 1991 ވަނަ އަހަރަށްފަހު ބަންގުލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފިރިހެން ބޭފުޅާއަށެވެ.