މި ރަމަޟާން މަހު މާލޭގެ ބާޒާރުމަތީގެ ޓްރެފިކް މައްސަލަައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރު އެ ޕޯސްޓާއެކު ރައީސް ވަނީ ބާޒާރުމަތީ މަގު ފުޅާކުުރުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތުގެ ކުރު ވީޑިއޯކޮޅެއް ހިއްސާކުރައްވައިފައެވެ.

ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ މަސައްކަތް ނިންމައި އިއްޔެ ރޭ ފަތިހު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

އެ މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 21 ގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ބޮޑު ތަކުރުފާނު މަގުގެ މި ސަރަހައްދަކީ މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދެވެ. މި މަގު ފުޅާކޮށް އާންމުންނަށް ހުޅުވާލި އިރު، މަގު ފެންނަނީ ވަރަށް ފުޅާކޮށެވެ. ކުރީން އެއްކޮޅަށް ދުއްވޭ ގޮތަށް އޮތް ނަމަވެސް، މިހާރު ދެކޮޅަށް ދުއްވޭ ގޮތަށް އޮތުމުން މި ސަރަހައްދުގެ ޓްރެފިކަށް ފަސޭހަކަން ލިބޭނެއެވެ.