ޖަރާސީމުގެ އަސަރު ހުރުމުން "ހޭންޑީ" ފެން ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާ 330 އެމްއެލް، 500 އެމްއެލް އަދި އެއް ލީޓަރު ބިއްލޫރި ފެން ފުޅިތަކުން، ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށެވެ.

ފެންފުޅިތަކުގެ ތަހުލީލު ނަތީޖާ ދައްކާގޮތުން އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫން ކަމުގައި ދަންނަވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެހެންކަމުން އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުންނުކުރުމަށް އަންގާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެ އޮތޯރިޓީގެ ނަންބަރު 3034213 ނުވަތަ 7603204 ފޯނަށް ގުޅުމަށް އެމްއެފްޑީއޭ އިން އެދެއެވެ.