ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ފްލެޓްތަކުގައި އުޅޭ މީހުންގެ ޖޫރިމަނާ އެއްކޮށް މާފުކޮށްދީ، އެ މީހުންނަށް އެއް ލައްކަ ރުފިޔާގެ އިނާޔަތެއް ދެއްވަން ނިންމަވައިފިއެވެ.

އެކި ސަބަބުތަކާ ހެދި މާލެހިޔާ/ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ ނުދެއްކޭ މީހުންގެ ޖޫރިމަނާ މާފުކޮށް، ފައިސާގެ އިނާޔަތެއް ދޭން ރައީސް ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި އެކަން އެ ގޮތަށް ކުރަން މާލެ ސިޓީ ކައުންސިލަށް އެ މަނިކުފާނު އެންގެވީ އެ މަހުގެ ހަތްވަނަ ދުވަހުއެވެ.

ރައީސް އޮފީހުން އިއްޔެ ބުނީ ރައީސް ޑރ. މުއިއްޒު، މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ހާއްސަ އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވައިފައިވާ ކަމަށެވެ.

އެ ފަރާތްތަކާ ބައްދަލުކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގައި އިއްޔެ ހަވީރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް އެމަނިކުފާނަށް ހުށަހަޅާފައި ކަމަށެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދައިދިނުމަށް، ސިނަމާލެ އެކެއް، ދޭއް، ތިނެއް އަދި ހަތަރަކާއި މާލެހިޔާ އެކެއް އަދި ދޭއްގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެެވެ.

އެ ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވުމަށާއި ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެކަމަށް ހައްލެއް ހޯއްދަވައި ނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.

މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 ރުފިޔާއާ ހަމައަށް އުނިކުރެވޭނެއެވެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މައާފުކޮށްދެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.