އިރާނުން ހޮރުމުޒް ކަނޑުއޮޅީގައި މިލިޓަރީ ތަމްރީނުތަކެއް ފަށައިފިއެވެ.

އިރާނުގެ ރެވެލިއުޝަނަރީ ގާޑް ކޯޕްސް އިން ވަނީ ހޮރުމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގައި މިލިޓަރީ ތަމްރީނު ތަކެއް ފަށާފައިވާ ކަމަށާއި އެތަމްރީނު ތަކުގެ ބޭނުމަކީ އެގައުމުގެ ކަނޑުގެ ސިފައިންގެ ތައްޔާރީތައް ޔަގީން ކުރުމަށް ކަމަށް ބުނެފައެވެ.

އިރާނުން ވަނީ އެގައުމުގެ ސެކިއުރިޓީ ޕްލޭންތަކާއި އެގައުމަށް އަންނާނެ ހަމަލާއަކުން ގައުމު ސަލާމަތް ކުރުމަށް ހަރަކާތްތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކުރިޔަށްގެންދާ މިލިޓަރީ ތަމްރީނުތަކެއް ކަމަށްވެސް ފާހަގަކޮށްފައެވެ.

އިރާނުން ތަމްރީނުތައް ފަށާފައިވާއިރު ނިއުކްލިއާ މައްސަލަ ފެންމަތިކޮށް އެމެރިކާއިން ވަނީ އިރާނާ ދެކޮޅަށް ހަމަލާ ދޭން ރާވައި މެދުއިރުމައްޗަށް އެެމެރިކާގެ މަނަވަރުތަކާއި ސިފައިން ޖަމާކުރަން ފަށައިފައެވެ.

އިރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މަޝްވަރާގެ ދެވަނަ ބުރަށް އެއްދުވަސް ވެފައިވަނިކޮށް އިރާނުން ފެށި މިލިޓަރީ ތަމްރީނުތަކުގެ ސަބަބުން މެދުއިރުމަތި އިތުރަށް ހަލަބޮލި ވެގެން ދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިރާނުގެ ތަމްރީނުތައް ކުރިޔަށްދާ ހޮރުމުޒް ކަނޑުއޮޅި އަކީ ގަލްފުގެ ގައުމުތަކާއި އޮމާންއާ ދެމެދު އޮންނަ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި އެއްމަގެވެ.