ލަންކާގެ ކަނޑުގެ ސަރަހައްދުން އިންޑިއާގެ 25 މަސްވެރިން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ 25 މަސްވެރިން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ލަންކާގެ ނޮދަން ނޭވަލް ކޮމާންޑް އިން އެގައުމުގެ ޖަފްނާގެ ކަންކެސަންތުރާއީ ސަރަހައްދާ ދިމާލު ކަނޑުމަތީގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ރިޕޯޓުތައް ބުނެއެެވެ.

އެއޮޕަރޭޝަންގައި ލަންކާގެ ނޭވީއިން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ އިންޑިއާއަށް ނިސްބަތްވާ ދެ މަސްބޯޓުވެސް ނޭވީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެއޮޕަރޭޝަން ކުރިޔަށް ގެންދިޔަ ވަގުތު ލަންކާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ބޯޓުތައް ހަރަކާތްތެރިވާ މަންޒަރު ފެނިފައިވާ ކަމަށާއި އެމަސްވެރިން ދިޔައީ ލަންކާ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ކަމަށެވެ.

ލަންކާގެ ނޭވީއިން ވަނީ މިހާރު ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަން ހުއްޓާ ނުލައި ކުރިޔަށް ގެންދާނެ ކަމަށާއި ލަންކާ ކަނޑުގައި ނުގަވާއިދުން މަސްވެރިކަން ކުރުުމުގެ ފުރުސަތު ނޯންނާނެ ކަމަށް ބުނެފައެވެ.

ނޭވީއިން ވަނީ ލަންކާގެ ކަނޑުގެ ރައްކާތެރިކަމާއި ލަންކާގެ މަސްވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނޭވީއިން އަބަދުވެސް ހަރަކާތްތެރިވާނެ ކަމަށް ބުނެފައެވެ.