ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ދަތުރުތައް މާދަމާއިން ފެށިގެން، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ވީއައިއޭގެ ޓާމިނަލް 2 އިން މާދަމާ ޑޮމެސްޓިކް ދަތުރުތައް ފަށާނެކަން އެމްއޭސީއެލްގެ އޮފިޝަލަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އެކަމަށް އެތަނަށް ގެންނަން ޖެހޭ ބަދަލުތައްވެސް މިހާރު ގެނެސް ނިމިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޑޮމެސްޓިކް ވައިގެ ދަތުރުތައް ޓާމިނަލަށް ބަދަލުކުރުމާ އެކު، ކުރީގެ ޑޮމެސްޓިކް ޓާމިނަލް މާދަމާ ބަންދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ އަހަރު ޖުލައި 26 ގައި ހުޅުވި އިރު، މިދިޔަ އަހަރުގެ ނިޔަލަށް ހުރިހާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފައެވެ.

ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުތައް ކުރަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި މަންޓާ އެއާ އަދި ވިލާ އެއާ އިންނެވެ.