މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ކުރިއަށް އޮތް ރަމަޟާން މަހު މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ނާޒުކު ހާލަތުގައިވާ ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމުގެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.
އެ ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ އަމާޒަކީ 15،000 އަށްވުރެ ގިނަ ބިދޭސީންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމެވެ. "ޑޮނޭޓް އަ މީލް، ހެލްޕް އަ ލައިފް" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވުމަށް، ރޯދަވީއްލުން ޕެކެޓަކަށް 60 ރުފިޔާގެ މަގުން ފައިސާ ހަދިޔާކުރެވޭނެއެވެ. މިދިޔަ އަހަރުވެސް މި ޖަމިއްޔާއިން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ހިންގައި، ގިނަ އަދަދެއްގެ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެމްޑަބްލިއުއެމް އިން ފާހަގަކުރާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކީ ކުޑަ މުސާރައެއްގައި ދިރިއުޅޭ، އަދި ރޯދަ މަހު އެކަށީގެންވާ ކާނާ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ބައެކެވެ. އެހެންކަމުން މި ޕްރޮގްރާމްގެ ބޭނުމަކީ މިފަދަ ފަރާތްތަކަށް ލުއިފަސޭހަކޮށްދީ، ރޯދަވީއްލާނެ ރަނގަޅު ކާނާ ފޯރުކޮށްދިނުމެވެ. 2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ޖަމިއްޔާއިން ވަނީ 51،000 އަށްވުރެ ގިނަ މީލް ޕެކް ބަހާފައެވެ.
މި ކެމްޕެއިނަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ އެކައުންޓްތައް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެއެވެ:
ބީއެމްއެލް (ރުފިޔާ): 7730000378559
ބީއެމްއެލް (ޑޮލަރު): 7730000378560
ފައިސާ ޖަމާކުރުމަށްފަހު ސްލިޕް 7396696 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ. މިއީ ރަމަޟާން މަހުގެ ދަރުމައާއި ސަވާބު ހޯދުމަށާއި، މުޖުތަމައުގައި ތިބި އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މިޝަން ފޮ މައިގްރެންޓް ވޯކާސް
މިޝަން ފޮ މައިގްރެންޓް ވޯކާސް
މިޝަން ފޮ މައިގްރެންޓް ވޯކާސް