ބަންގްލަދޭޝްގެ އާންމު އިންތިހާބު ކާމިޔާބުކުރި، ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

2024 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިކަން ވެއްޓި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ފިއްލަވައިގެން ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައިވާއިރު ބަންގްލަދޭޝްގެ ސަރުކާރެއް ގާއިމްކުރުމަށް އެގައުމުގެ އާންމުން އިއްޔެ ވަނީ އިންތިހާބުގައި ވޯޓުލައިފައެވެ.

2،000 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލި ބަންގްލަދޭޝްގެ އާންމު އިންތިހާބު ކާމިޔާބު ކުރާ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އާއި ގުޅިފައިވާ އިއްތިހާދުންނެވެ.

އެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 350 ގޮނޑީގެ ތެރެއިން 209 ގޮނޑި ކާމިޔާބު ކޮށްފައިވަނީ ބީއެންޕީންނެވެ. ހަސީނާގެ ވެރިކަމުގައި ބޭން ކޮށްފައިވާ ޖަމާތު-އީ-އިސްލާމުން 68 ގޮނޑި ކާމިޔާބު ކުރި އިރު، އެންސީޕީން ވަނީ ހަ ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި އެހެން ޕާޓީތަކުން ހަތް ގޮނޑި އަދި އަމިއްލަ ގޮތުން ކުރިމަތިލި ހަތް ކެނޑިޑޭޓަކު ގޮނޑި ކާމިޔާބުކޮށްފައެވެ،

ބަންގްލަދޭޝްގެ އާންމު އިންތިހާބުގެ ވޯޓުން އިއްޔެ ކުރިޔަށް ގެންގޮސްފައިވާ އިރު، އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓު ލެވޭ އާބާދީގެ 120 މިލިއަން މީހުންގެ ތެރެއިން 59.88 ޕަސެންޓް މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބީއެންޕީއަށް ލިބުނު ތާރީހީ ކާމިޔާބީއަށް ޕާޓީގެ ޗެއާމަން، ޚާލިދާގެ ދަރިކަލުން ތާރިގް ރަހްމާނަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެންޕީގެ އާ ސަރުކާރާ ގުޅިގެން ހަރުދަނާ މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.

އަދި ދެ ގައުމުގެ ޒަމާންވީ ގުޅުން، އިތުރަށް ބަދަހިކޮށް މުސްތަގުބަލުގައި މި ގުޅުން މިހާރަށްވުރެ ފުޅާކޮށް، ހަރުދަނާ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.