މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަނޑައަޅަން، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.

އެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއްކަމަށް އޭނާ ވިދާޅުވެފައި ވަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި، މިސްކިތްތަކަށް ގެއްލުންދިނުން އާއްމު ވެ، އެފަދަ އަމަލުތައް ތަކުރާރު ވަމުންދިޔުން ކަމަށެވެ. އެ ފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތަކެއްކަމަށްވާއިރު، މިސްކިތުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިން ވާ ކަމަކަށްވާއިރު، އެ ފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަކީ މުހިއްމުކަމެއްކަމަށް ކުޑޫ ވިދާޅުވެފައިވެއެވެ.

މި ބިލުގެ ބަހުސްގައި، ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވަނީ ބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

މި ބިލުގެ ބަހުސްގައި، ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ސަރުކާރުން މި ބިލަށް ތާއީދުކުރާ ކަމަށެވެ.

އެހެންކަމުން މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހަށް ބިލު ބަލައިގަތުމުން، އިތުރަށް ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރައީސް އިއުލާން ކުރެއްވިއެވެ.

މިބިލުގައި އިސްލާހު ހުށަހަޅާފައިވަނީ، ގާނޫނުގައި "ޓެރަރިޒަމް" ގެ އަމަލުތައް ބަޔާންކޮށްފައިވާ ހަތަރުވަނަ މާއްދާގެ (ށ) ގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.

ގާނޫނުގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ އަމަލުތައް:

  • މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން
  • ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން
  • ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން
  • މުދަލަށް ބޮޑެތި ގެއްލުން ދިނުން
  • ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން
  • އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން
  • މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން

މި މާއްދާއަށް އިތުރު ކުރަން ކުޑޫ ހުށަހެޅުއްވި އިސްލާހުގައި ވަނީ، މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަަމަށް އިތުރު ކުރުމަށެވެ.