ރާއްޖޭގެ ރަސްމީ ރިޒާވް ތާރީހީ މިންވަރަކަށް މަައްޗަށް ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި، ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ހަރަކާތް ކުރިއަށްގެންދިޔަ މަރުކަޒުން ރައީސަށް މަރުހަބާ ވިދާޅުވީ، ޖާމަން ޗެމްބަ އޮފް އިންޑަސްޓްރީ އެންޑް ކޮމާސް (ޑީއައިއެޗްކޭ) ގެ ބޯޑު މެންބަރު އަދި ހެޑް އޮފް ފޮރިން ޓްރޭޑް، ޑރ. ވޮލްކާ ޓްރައިއާ އާއި ޑާމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް ޖީއެމްބީއެޗްގެ ސީއީއޯ ގުންތަރް މުލް އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެބައެއްގެ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މައިދާން ބައްޓަންކޮށް، ދެމެހެއްޓެނިވި އަގުތައް އުފެއްދުމަށް އެހީތެރިވެދިން ޖަރުމަނުވިލާތުގެ ވިޔަފާރި ލީޑަރުންނާ ބައްދަލުކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއްކަމުގައި ވިދާޅުވެފައެވެ.
ރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، އެ ތަސައްވުރަކީ، ދިވެހި އިގުތިސޯދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީ ކުރުމަށާއި ގައުމީ ތަރައްގީއަކީ، ތިމާވެށި ހިމާޔަތްކޮށްދީ، ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ކުރިއެރުން ގެނުވާކަމެއް ކަމުގައި ކަށަވަރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަޒުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެގޮތުން، މާލީ ނިޒާމުތައް ޒަމާނީ ކުރުމާއި ބޭރުފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން ރައީސް ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މާލީ އަހުލާ ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. މިފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ރާއްޖެއާމެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި އިންވެސްޓް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އަދި ހަކަތައިގެ ރައްކާތެރިކަމާއި، ހަކަތައިގެ އަގުތަކަކީ، ރާއްޖެއަށް ހައްސާސް ގޮންޖެހުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެނާޖީ ޓްރާންސިޝަންގެ ދާއިރާއަކީވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. ސޯލާ ސިޓީ ފަދަ މަޝްރޫއުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫން ކަމަށާއި ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިގްތިސޯދުތަކަށް، އަތްފޯރާފަށުގެ ދެމެހެއްޓެނިވި އަދި ނަކަލުކުރެވޭފަދަ ހައްލުތަކެއް އުފެއްދުމަކީވެސް، އެފަދަ މަޝްރޫއުތަކުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ، މިފަދަ އަމަލީ އަދި އިތުރަށް ތަނަވަސްކުރުމުގެ ފުރުސަތު ހުރި ހައްލުތައް ރާއްޖޭގައި ތަހުލީލުކުރެވިދާނޭކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ ވުނޭރުންނާއި ޓުއާ އޮޕަރޭޓަރުންނާއި މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ. އަދި 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއާ" ކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވެ، މި ހަރަކާތުގައި ބައިވެރިވުމަށް، ޖަރުމަނުވިލާތުގެ ވުނޭރުންނަށް އެމަނިކުފާނު ވަނީ ދައަވަތުއަރުވައިފައެވެ. އަދި ވުނަކުރުމުގެ އާންމު މޮޑެލްތަކުގެ އިތުރުން، ދާދި ފަހުން އިފުތިތާހު ކުރި، ޕްރޮޖެކްޓް އައިލާ - ސަސްޓެއިނަބަލް ޓައުންޝިޕް ފަދަ މަޝްރޫއުތައްވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ.
ހާއްސަ ހިދުމަތްތައް ތަރައްގީކޮށް، ބޭސްފަރުވާއަށް އެހެން ގައުމުތަކަށް ދާންޖެހޭ މިންވަރު މަދުކޮށްގެން، ރާއްޖޭގެ ސިއްހީ ހިދުމަތް ޒަމާނީކޮށް ފުޅާކުރުމާ ބެހޭގޮތުން ވެސް ރައީސް ވާހަކަފުޅުދެއްކެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. އަދި މިދާއިރާގައި ޖަރުމަނުވިލާތުގެ މަހާރަތާއި ރާއްޖޭގެ މަސްލަހަތު އެއްއުއިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލީ ދާއިރާގައި ހުރި ވުނަކުރުމުގެ ފުރުސަތުތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވާ ކަމަށާއި އެގޮތުން، ރާއްޖޭގެ އަމާޒަކީ، ދިގުމުއްދަތުގެ ބައިވެރިވުންތަކަށް ޖާގަދޭ ފަދަ، ދެފުށް ފެންނަ ނަތީޖާ އަންދާޒާކުރަން ފަސޭހަ އަދި ގަވާއިދުތަކެއްގެ މައްޗަށް ބަރޯސާވާ މާލީ ވެއްޓެއް ފޯރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ތަޖުރިބާ އާއި ފަންނިންޔާތު އެކުލަވާލުމުގައި ޖަރުމަނުވިލާތުގެ ތަޖުރިބާ އާއި ދެ ގައުމުން ހިއްސާކުރާ މަސްލަހަތުތަކުގެ އަލީގައި، ޖަރުމަނުވިލާތަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގެ ތަބީއީ ބައިވެރިއެއްކަމަށް ވިދާޅުވަމުންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއަދުގެ ހަރަކާތުގައި އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ވަނީ، ރާއްޖޭގެ ވުނަކުރުމުގެ ވެއްޓާއި، ރާއްޖޭގައި ހުރި ވުނަކުރުމުގެ ފުރުސަތުތަކާބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. މިއަށްފަހު ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ޖަރުމަނުވިލާތުގެ ގިނަ ކުންފުނިތަކަކުން ވަނީ، އެ ކުންފުނިތަކުގެ ވަނަވަރު ހުށަހަޅައި، ދިވެހި ވަފުދާއެކު ހިޔާލުބަދަލުކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއާޓުއާ ޑޮއިޝްލަންޑް ޖީއެމްބީއެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު