ތޫނު ހަތިޔާރަކުން މީހަކަށް ބިރު ދެއްކި ބިދޭސީއަކު 2،000 ރުފިޔާއިން ޖޫރިމަނާ ކުރަން، ކުރިމިނަލް ކޯޓުން އާދިއްތަ ދުވަހު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖޫރިމަނާ ކޮށްފައި ވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖޯސިމް ހާންއެވެ.

ޖޯސިމް ހާން، 2023 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ 3:00 ޖެހި އެހާކަންހާ އިރު، އއ. ރަސްދޫ، ކޯލްގޭ ކުރިމަތީގައި، އޭނާއެކު މަސައްކަތް ކުރަމުންދިޔަ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އޮޑި އުއްލާއާ ދިމާލަށް ވަޅިއެއް ހިފައިގެން ގޮސް، ވަޅިޖަހަން އުޅެފައިވެއެވެ. އެހެންވެ ދައުލަތުން ވަނީ ޖޯސިމް ހާންގެ މައްޗަށް އަނިޔާއެއް ދޭން އުޅުނުކަމުގެ ކުށުގެ ދައުވާކޮށްފައެވެ.

އެ ދައުވާއަށް ޖޯސިމް ހާން ވަނީ އިއުތިރާފުވެފައެވެ. އެހެންވެ ޝަރީއަތުން ވަނީ ޖޯސިމް ހާންގެ މައްޗަށް އަނިޔާއެއް ދޭން އުޅުނުކަމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.

އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނަމަވެސް އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް ޖޯސިމް ހާން އިއުތިރާފުވުމުން، އަދަބުގެ ދަރަޖަ އެއް ދަރަޖައަށް ދައްކުރެވިގެންދާނެއެވެ. އަދި މި މައްސަލައިގައި ތަހުގީގަށް ޖޯސިމް ހާން 13 ދުވަހާއި 18 ގަޑިއިރު 11 މިނިޓް، ފުލުހުންގެ ބަންދުގައި ހުރެފައިވެއެވެ. ޝަރީއަތުން ނިންމީ ޖޯސިމް ހާން ބަންދުގައި 14 ދުވަހު ހުރި ކަމަށެވެ.

ޖޯސިމް ހާންގެ ފަރާތުން ވަނީ ޖަލު އަދަބު، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށް އެދިފައެވެ. އަދި އޭނާއަށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އުސޫލު ތަތުބީގު ކުރަމުން ގާޒީ ވިދާޅުވީ ޖޯސިމް ހާނަށް އަންނާނެ އަދަބަކީ 27 ދުވަހުގެ ޖަލު އަދަބެއް ކަމަށެވެ. ގާޒީ ވިދާޅުވީ މި މައްސަލައިގައި ތަހުގީގަށް ޖޯސިމް ހާން ބަންދުގައި 14 ދުވަސް ހޭދަކޮށްފައިވާތީ، އޭނާ ތަންފީޒު ކުރަން ޖެހޭނީ 13 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.

ނަމަވެސް ޖޯސިމް ހާނަކީ ޖޫރިމަނާ ދެއްކުމުގެ ގާބިލުކަން ލިބިގެންވާ މީހަކަށްވާތީ، 13 ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރާ ކަމަށެވެ.

އެހެންވެ ގާޒީ ހުކުމްކުރެއްވީ ޖޯސިމް ހާން 2،600 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ އަށް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށެވެ.