މި ހަފުތާގެ އައިއެމްޑީބީ "ޕޮޕިއުލަރ އިންޑިއަން ސެލެބްރިޓީސް" ލިސްޓުގެ އެންމެ ކުރި، ޒުވާން ބަތަލާ ސާރާ އަރްޖުން އާއި މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހޯދައިފިއެވެ. މިއީ ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާން އާއި މަޝްހޫރު ބަތަލާ އައިޝްވަރިޔާ ރާއީ ފަހަތަށް ޖައްސާލުމަށްފަހު މި ދެ ތަރިން ހޯދި ކާމިޔާބީއެކެވެ.

އައިއެމްޑީބީން ނެރުނު އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ލިސްޓުގެ އެއްވަނައިގައި އޮތީ ސާރާ އަރްޖުންއެވެ. ދެވަނަ ލިބިފައިވަނީ ރަންވީރު ސިންގަށެވެ. މީގެ ކުރިން މި ލިސްޓުގެ ކުރީގައި އުޅުނު ޝާހުރުކް ޚާން މިހާރު ވަނީ 8 ވަނައަށް ވެއްޓިފައެވެ. އަދި އައިޝްވަރިޔާ ރާއީ ބައްޗަން ހިމެނިފައިވަނީ ލިސްޓުގެ 10 ވަނައިގައެވެ.

މި ބޮޑު ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ، ސާރާ އާއި ރަންވީރު ލީޑު ރޯލު ކުޅެފައިވާ ފިލްމު "ދުރަންދަރު" އަށް ލިބެމުން އަންނަ ބޮޑު ތަރުހީބެވެ. މި ފިލްމު ސިނަމާތަކުގައި ދެއްކުމަށްފަހު، މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށުމާއެކު، މި ތަރީންނާ މެދު އާންމުންގެ ޝައުގުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޖާސޫސީ ތްރިލަރއެއް ކަމަށްވާ މި ފިލްމަކީ ބޮކްސް އޮފީހުގައި ވެސް 1300 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމެކެވެ.

އައިއެމްޑީބީން މި ރޭންކިން ކަނޑައަޅަނީ އެ ވެބްސައިޓަށް ޒިޔާރަތްކުރާ މަހަކު 200 މިލިއަނަށްވުރެ ގިނަ މީހުންގެ މެދުގައި އެންމެ މަގުބޫލު އަދި އެންމެ ގިނައިން ހޯދާ ސަފުހާތަކަށް ބަލައިގެންނެވެ. ފިލްމީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އޯޓީޓީ ޕްލެޓްފޯމްތަކުގައި ފިލްމުތައް ރިލީޒްކުރުމުން ތަރިންގެ މަގުބޫލުކަމަށް ވަގުތުން އަސަރުކުރެއެވެ. "ދުރަންދަރު" ގެ ކާމިޔާބީއާއެކު، ކުރިން ކުޑަކުއްޖެއްގެ ރޯލުތަކުން ފެނުނު ސާރާ އަރްޖުން މިހާރު ވަނީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރީންގެ ސަފަށް އަރައިފައެވެ.

މި ލިސްޓުގެ ގަދަ 10 ގައި "ދުރަންދަރު" ގެ ޑައިރެކްޓަރު އަދިތިޔާ ދާރް (6 ވަނަ) އަދި އެކްޓަރު އަކްޝޭ ކަންނާ (7 ވަނަ) ވެސް ހިމެނެއެވެ.