ކުރިއަށް އޮތް ހަތަރު ދުވަހު ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގެ ދުންފުހުގެ އަސަރު ހުރީ ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ކަމަށެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހަތަރު ދުވަހު އެ ހާލަތު ދެމި އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންވެ މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކާއި، ބޭރުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ ވިލިމާލޭގައި ވައިނުސާފު މިންވަރު ހުރީ 163 ގައި ކަމަށާއި، އެހެންވެ މާސްކު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ވަނީ ވައި ނުސާފުވުމުގެ ސަބަބުން ވިލިމާލެއަށް ރެޑް އެލާޓް ނެރެފައެވެ.

ރެޑް އެލާޓްގައި އެޗްޕީއޭއިން ބުނީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާ ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ މީހުންނަށްވެސް ބޮޑު ކަމަށެވެ.

މާލެއަށް އޮރެންޖު އެލާޓް ނެރެފައިވާ އިރު، އެ އެލާޓުގައި އެޗްޕީއޭއިން ބުނީ ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.