ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސީސާއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ދައުރުން ބޭރުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ހަމަ އެ ދުވަހު ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވައިގެން ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވިއެވެ. އެ ޖަލްސާގައި ބިލު ބަލައިނުގަތުމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ ފަސް މެންބަރުން ކަަމަށްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލެވެ.
މި ބިލާ ބެހޭގޮތުން ކޮމިޓީން ވަނީ ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ މި މަސް ތެރޭގައި މަޝްވަރާކޮށްފައެވެ.
މި ބިލުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.
އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.
މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްފިނަމަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ، 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަަނަ ދުވަހަށް 20 ވަނަ މަޖިލީހުގެ ދައުރު ހަމަވާނެއެވެ.
މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް