ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަދުން ފެށިގެން އިން އަންނަ ހުކުރު ދުވަހުގެ ނިޔަަލަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޖަރުމަނުގެ ރައީސް ސްޓައިންމަޔާގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ރާއްޖެ އާއި ޖަރުމަނުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވަސިޓީގައި ތަގުރީރު ވެސް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޖާމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސްއަށް ޒިޔާރަތް ކުރައްވައި ތަގުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޖަރުމަނުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މައުލޫމާތު ދޭނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 5 ޖުލައި 1966 ގައެވެ. މިއަހަރު ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭނެއެވެ.