ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓްކޮށް ލިބިފައިވާ މީހުން ގޯތި ދޫކޮށްލާ ނަމަ، އެއިން ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން "އާއިލީ ބޯހިޔާވަހިކަމުގެ" ނަމުގައި އާ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15000 ގޯތި އަދި ހުޅުމާލެއާއި ވިލިމާލެއިން ތިން ކޮޓަރީގެ 7900 ފްލެޓް ދޫކުރުމާ ބެހޭ އުސޫލު އިއުލާންކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.
"2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓްކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަންވެސް ވަނީ ނިންމާފައި. 15000 ގޯތީގެ ތެރެއިން މި ދެ ކެޓެގަރީން ކޮންމެ ކެޓެގަރީއަކަށް 1000 ގޯތި ކަނޑައަޅާފައިވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވޭ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ގޯތިގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ.
ރަސްމާލޭގެ ބިން ހިއްކުން ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކައި ނިންމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު