ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި، ދަތިތައް ހުށަހެޅުމަށް ހާއްސަ އޮފީހެއް ގާއިމުކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް ހުށަހަޅާ އޮފީސް ނުވަތަ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯގެ ނަމުގައި 24 ގަޑިއިރު ހިދުމަތް ދޭނޭ އޮފީހެއް ރައީސް އޮފީހުގައި ގާއިމުކުރަން ނިންމަވާފައިވާ ކަމަށެވެ.
"މި ބިޔުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިން ޕްލެޓްފޯމް، ފޯނު، ސޯޝަލް މީޑިއާގެ ވަސީލަތްތައް ފަދަ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި މަރުކަޒުގައި ކޮމްޕްލެއިންޓްސް މެނޭޖުކުރާނެ، އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާޓް-އޮޓޮމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރެވިގެންދާނެ ކަމަށާއި އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅޭ ހުރިހާ ޝަކުވާތައް މި ސިސްޓަމްގެ ތެރޭގައި ރެކޯޑްކޮށް، ކޮންމެ ޝަކުވާއަކަށް ޓިކެޓް ރެއިސްކޮށް، ކޮންމެ ޝަކުވާއަކަށް ޖަވާބު ދެވެންދެން މައްސަލަ ކުރިއަށް ދާގޮތް ސިސްޓަމް މެދުވެރިކޮށް ޓްރެކްކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ. ކަމަށެވެ.
"މި ބިޔުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ "ކޯލް ސެންޓަރެއް" ގާއިމުކުރާނަން. ހަމަ އެއާއެކު، ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް މެނޭޖުކޮށް، އެ ޝަކުވާތަކަށް ޖަވާބު ދިނުމަށް ސަރުކާރުގެ ވަކިވަކި އިދާރާތަކުގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ ޑިޖިޓަލް ސިސްޓަމް ބޭނުންކުރާގޮތަށް ހަމަޖައްސައި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް "ވަން ސިންގަލް ކޮމްޕްލެއިންޓްސް މެނޭޖްމަންޓް މެކޭނިޒަމް"ގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކާމެދު އިދާރާތަކުން އަމަލުކޮށް ޖަވާބުދެމުންދާގޮތް މޮނިޓާކޮށް، އެ އިދާރާތައް ޒިންމާދާރުކުރުވާ/އެކައުންޓަބަލްކުރުވާ އޯވާއާޗިން އިދާރާއެއްގެ ގޮތުގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ހަރަކާތްތެރިވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ބިއުރޯގައި މަސައްކަތް ކުރާނޭ އިތުރު ގިނަ މުވައްޒަފުން ހޯދުމުގެ ބަދަލުގައި ވިސްނުމަކީ، ރައީސް އޮފީހާއި ސަރުކާރުގެ އެކި އިދާރާތަކުގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން ކަމަށް އެކަށީގެންވާ މުވައްޒަފުން ބަދަލުކޮށްގެން ކަމާގުޅޭ ތަމްރީނުދީ މަސައްކަތަށް ފުރިހަމައަށް ތައްޔާރުކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ މި އިދާރާ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ގާއިމުކޮށް ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު