މާލޭގެ ބާޒާރުމަތީގައި ހުންނަ އަތޮޅު ބަރި ފިހާރަ ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން މިއަހަރު ހުޅުވާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މާލޭގައި ހުންނަ އަތޮޅު ފިހާރަތައް އިތުރަށް ތަރައްގީ ކުރެވި އެ ފިހާރަތަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތައް ލިއްބައިދެވޭނެ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.

"އަތޮޅު ފިހާރަ ބަރި ހުރި ސަރަހައްދު ރީޑެވެލޮޕްކޮށް ޒަމާނީ ކޮމާޝަލް ފޮރަންޓަކަށް ހެދުމަށް ސަރުކާރާ ބައިވެރިވެގެން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މި އަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވާލާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅު ފިހާރަބަރިއަކީ މާލޭގެ މަލަމަތީގެ ރަމްޒެއްގެ ގޮތުގައި އެތައް ޒަމާނެއްވީ ތަރިކައެއް ކަމުން، އެތަން ތަރައްގީކުރާނީ އަތޮޅު ފިހާރައިގެ އިމާރާތުގެ ބޭރު ފާރު ދިގު މުއްދަތަށް ރައްކާތެރިކޮށް ހުންނާނޭގޮތަށް ކަމަށެވެ.

މާލޭގެ އުތުރު ފަރާތު ބަނދަރުމަތީގައި، އެއް ޑިޒައިންއަކަށް ހަދާފައިވާ އަތޮޅު ފިހާރަތައް އިމާރާތްކޮށްފައިވަނީ 1970 ވަނަ އަހަރުއެވެ.