މިއަންނަ އަހަރުގެ ފެބްރުއަރީ ފަހަކުން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ތިބެވޭނީ ހަމައެކަނި ދިވެހިންނަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ކުރިއަރުވާ ޑައިވާސިފައި ކުރުމަށް، ތައުލީމީ ގާބިލް ދިވެހި ޒުވާނުންނާއި އެކި އުމުރު ފުރާގެ ދިވެހިން އިތުރު ކުރުމަށް ކަނޑައަޅާ ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ނަތީޖާ ސަބަބުން، 17 ނޮވެމްބަރު 2023 އިން މިއަދާ ހަމަޔަށް 21،174 ވަޒީފާގެ ފުރުސަތު އިގްތިސޯދުގައި އުފެދިފައިވާ ކަމަށެވެ.

މީގެ ތެރޭގައި ޕްރައިވެޓް ސެކްޓާގައި އުފެދުނު ކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވާ 6،724 ވަޒީފާ ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމަ އެއާއެކު، މިއަދުން ފެށިގެން 12 މަސް ދުވަސް ފަހުން، 5 ފެބްރުއަރީ 2027 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތިބެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމުގައި، ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާކަން އިއުލާންކުރަން. ނަތީޖާއެއްގެ ގޮތުން، ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 25،000 އިތުރު ވަޒީފާގެ ފުރުސަތު ދިވެހިންނަށް ފަހިވެގެން ދާނެ" ރައީސް ވިދާޅުވިއެވެ.

އެކަން ކާމިޔާބު ކަމަކަށް ހެދުމަށްޓަކައި، ކުރިޔަށްއޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މީހުން ބިނާކުރުމާއި، ވަޒީފާއަށް ފަރުވާތެރިކަން ބެހެއްޓުމާއި، ވަޒީފާގެ އަހުލާގާ ގުޅޭ ގޮތުން ހޭލުންތެރިކުރުމާއި، ވިޔަފާރިވެރިންނާއި، ގުޅިގެން އެ ވިޔަފާރިވެރިން މިކަމަށް ތައްޔާރުވުމަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.