ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ އަހަރު 921 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސަރުކާރުން މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އިސްލާމީ ޝަރީއާއާ އެއްގޮތްކޮށް، ލޯނުގެ އަދަދުގެ އިތުރަށް ނަގަމުން އައި އެޑްމިނިސްޓްރޭޓިވް ފީ ނެގުން ވާނީ މުޅިން ހުއްޓާލާފައި ކަމަށެވެ.
"ހަމަ އެއާއެކު، ފުރަތަމަ ޑީގްރީ ސްކީމުން ވޭތުވެދިޔަ އަހަރު އިތުރު 2728 ދަރިވަރަކަށް ފުރުސަތުދީ، ޖުމުލަ 11252 ދަރިވަރަކަށް، މާލީ އެހީގެ ގޮތުގައި 921,636,657 ރުފިޔާ ދޫކުރެވުނު.
ރައީސް ވިދާޅުވީ ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދިމާވެފައިވާ ޑޮލަރު ހޯދުމުގެ ދަތިކަން ހައްލުކުރުމަށް ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކަށް 1200 ޑޮލަރު ވިތްޑްރޯ ކުރެވޭނެހެން ކާޑް ލިމިޓް އިތުރު ކޮށްދީފައިވާނެ ކަމަށެވެ.
އެ ދަރިވަރުންނަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ ހިދުމަތް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ ގޮތުން މި މަހުގެ ތިންވަނަ ދުވަހު ތައާރަފުކުރި "ކުރި" ނިޒާމަކީ، ދަރިވަރުންނަށް ދެމުންދާ ހިދުމަތްތައް ޒަމާނީކޮށް، މެނުއަލްކޮށް ކުރަމުން އައި މަސައްކަތްތަކެއް ޒަމާނީ އޮޓޮމޭޝަނަށް ބަދަލުވެގެންދާ ޒަމާނީ ނިޒާމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ "ކުރި" ނިޒާމުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ، ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލިބިގެންދާ ދާއިމީ ހައްލު ކަމަށާއި އެގޮތުން، މިހާތަނަށް ގެންގުޅުނު މެނުއަލް ޕޭމަންޓް ވައުޗަރުގެ އުސޫލު ދޫކޮށްލައި، ސަރުކާރުގެ މާލީ ނިޒާމު ކަމަށްވާ 'އެސްއޭޕީ (SAP)' އާ ސީދާ ގުޅާލެވިގެންދާނެ ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ލިޔެކިޔުންތައް ފުރިހަމަވުމާއެކު، ލަސްވުމެއް ނެތި ވަގުތުން ފައިސާ ޖަމާވުމަށް މަގުފަހިވެ، ދަރިވަރުންގެ ޕޭމަންޓް ޕްރޮސެސް ވަމުންދާ ގޮތް ރިއަލް-ޓައިމްކޮށް ބަލައިލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު