މާލޭ ވިޔަފާރި ބަނދަރު، މިއަންނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ތިލަފުއްޓަށް ބަދަލުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ފުރަތަމަ ފިޔަވަހީގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް ކަމުގައިވާ 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް މިއަދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ ދެ ކިލޯމީޓަރުގެ ކީވޯލާއި، ޕޭވް ކުރުމާއި، އިމާރާތްތައް އެޅުމުގެ މަސައްކަތް އަދި، އިކުއިޕްމަންޓް ހޯދުމަށް، މިއަހަރުގެ މެދު ތެރޭގައި އެކިފަރާތްތަކާ ހަވާލު ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ހުރިހާ މަސައްކަތެއް ނިންމައި، އިރާދަކުރެއްވިއްޔާ 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާނަން. މި ބަދަލާއެކު ބަނދަރުގެ ހިދުމަތްތައް ފެށުމާއެކު މިހާރު ހަތް ދުވަހުން ހުސްކުރެވޭ ބޯޓް 48 ގަޑިއިރު ތެރޭގައި ހުސްކުރެވި، ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރު ކުރެވި، މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހުރިހާ ބަދަލުތަކާއެކު، މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ކަމަށާއި އަދި މިހާރު މާލޭގައި ގުދަންކުރެވޭ މުދާ، ތިލަފުށީގައި ގުދަންކުރުމުގެ ފުރުސަތުތައް ފަހިވެ، މާލޭގެ މާރުކޭޓު ސަރަހައްދުގައި މިހާރު ކުރަމުންދާ ހޯލްސޭލް ވިޔަފާރި އެކީގައިހެން ތިލަފުއްޓަށް ބަދަލު ކުރެވިގެންދާނެ ކަމަށެވެ.

"މުދާ އުފުލާ ދޯނިފަހަރަށް ފަސޭހަކަމާއެކު ބަނދަރުކުރެވި، މުދާ އަރުވައި ބޭލުމަށް ބަނދަރުގައި މަޑުކުރަންޖެހޭ ދުވަސްތައް މަދުވެ، ރަށްރަށަށް މުދާ ގެންދިއުން އަވަސްވެގެން ދާނެ. އަދި، މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަންކުރަން ޖެހުމުގެ ސަބަބަބުން އާންމުނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، މިހާރު މާލޭގެ އެންމެ ކާރުބާރު ބޮޑު މާރުކޭޓު ސަރަހައްދާއި، އެމްޕީއެލް ސަރަހައްދު ދުއްވާތަކެއްޗަށް ފަސޭހަވެ، މީހުން ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް، އިރާދަކުރެއްވިއްޔާ ބަދަލުވެގެން ދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.