ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 349 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވާ ކަމަށާއި އަދި އެ ވިޔަފާރިތަކުން ދައްކަންޖެހޭ ލޯނުތައް ދެއްކުމަށް ލުއިތަކެއް ސަރުކާރުން ހަމަޖައްސާދީފައިވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއަށް ސަރުކާރުން ދަނީ ހާއްސަ ސަމާލުކަމެއް ދެމުން ކަމަށެވެ. ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ބާރުވެރިކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް "އެމްއެސްއެމްއީ އެވޯޑްސް" ތައާރަފްކޮށް، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑު ދީފައިވާނެ ކަމަށެވެ.
"އަދި މިހާތަނަށް، 595 ކުދި ވިޔަފާރިތަކަށް 349 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައި. މީގެ އިތުރުން، 'އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން' ޒަމާނީ ވިޔަފާރީގެ މޮޑެލްއަކަށް ބަދަލުކުރުމުގެ ގޮތުން 'އެސްއެމްއީ ޑިޖިޓަލް' ގެ ގޮތުގައި ރީބްރޭންޑް ކޮށް ބީއެމްއެލްގެ ސަބްސިޑަރީއަކަށް ވާނީ ބަދަލުކޮށްފައި. އަދި އެސްއެމްއީ ޑިޖިޓަލް އިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން، އެކި ސަބަބުތަކާހުރެ ލޯނު ދައްކަން ދަތިވެފައިވާ ފަރާތްތަކުގެ ލޯނުތައް އިސްލާމިކް ފެސިލިޓީއަށް ބަދަލުކޮށް، ލޯނު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީ، އެފަރާތްތަކަށް އެ ވިޔަފާރިތައް ދެމެހެއްޓުމުގެ މަގު ވަނީ ފަހިކޮށްދެވިފައި" ރައީސް ވިދާޅުވިއެވެ.
ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ އާމްދަނީއަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއްކަމުގައިވާ ސަރުކާރާ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ ފަރާތްތަކުން ފޯރުކޮށްދީފައިވާ ތަކެއްޗާއި ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެފައި އޮތް މައްސަލައަށް ހައްލު ގެނެސްދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
"މިގޮތުން، ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލުތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދައްކާފައިވާނެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަހަރުތަކެއް ވަންދެން ނުދައްކައި ހުރި 'ލެގަސީ' ބިލުތަކަށް ފައިސާ ދެއްކުމުގެ ބޭނުމަށް ސަރުކާރު ކުންފުނިތަކަށް 882 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައި. ބިލުތަކުގެ ސައްހަކަމަށާއި، އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މިހާތަނަށް 469 މިލިއަން ރުފިޔާގެ ބިލަށްވާ ފައިސާ ވަނީ ދައްކާފައި. އަދި މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބިލުތަކުގެ ތެރެއިން އެއް ބިލިއަން ރުފިޔާގެ ބިލު ވަނީ ސީދާ ސަރުކާރުން ވެސް ދައްކާދީފައި" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ ތަރައްގީ ކުރުމުގެ ގޮތުން އިތުރަށް އަޅާ ފިޔަވަޅު ތަކުގެ ގޮތުގައި، އިމްޕޯޓްކުރާ މުދާ އެއާޕޯޓުން ކްލިއާ ކުރުމަށް ޒަމާނުއްސުރެ ދެވިފައި އޮތް 80 ގަޑިއިރުގެ ވަގުތު، 124 ގަޑިއިރަށް ވާނީ އިތުރުކޮށްފައި ކަމަށެވެ.
އަދި ޖެނެރަލް ގުޑްސް ކްލިއަރެންސަށް ޑެމަރޭޖް ފީ ނާރާ މާލެ އަދި ހުޅުމާލެ ޕޯޓުގައި ބެހެއްޓޭ މުއްދަތު ފަސް ދުވަހުން 10 ދުވަހަށް ވާނީ އިތުރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑެމަރޭޖް ފީގެ ގޮތުގައި ނަގާ ފީ އާއި ފްރައިޓް ޗާޖް ދިވެހި ރުފިޔާ އިން ނަގާ ގޮތަށް ވެސް މިހާރު ވާނީ ހަމަޖައްސާފައިކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު