ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމަކީ ކުޑަވެސް ވަރުބަލިކަމެއް ނެތި ކުރިއަށްގެންދާނެ ގައުމީ ވާޖިބެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތާއި ތަރިކައިގެ ދާއިރާއިން މި ސަރުކާރުން ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދަނީ ދިވެހީންގެ ސަގާފީ މިނިވަންކަމާއި، ރަށްތަކާއި ދިވެހި މާ ކަނޑަކީ ދިވެހީންގެ މިލްކުތައްކަމުގެ ހެކި ލިބިދޭ އެންމެ ސާބިތު ބާރަކީ ދިވެހި ބަހާއި ދިވެހި ސަގާފަތާއި ދިވެހީންގެ ތަރިކަތައް ކަމުގައިވާތީ ކަމަށެވެ.
"އެހެންކަމުން އަންނާން އޮތް ޖީލުތަކަށް މި އަމާނާތް ރައްދުކޮށްދީ، ދިވެހި ނޭޝަނަލް އައިޑެންޓިޓީގެ މި ހަރުދަނާ ތަނބުތައް ހިމާޔަތްކޮށް ދެމެހެއްޓުމަކީ، އަޅުގަނޑު ކުޑަވެސް ވަރުބަލިވުމެއް ނެތި، އުފަލާއެކު އުފުލަމުން ގެންދާނެ ގައުމީ ވާޖިބެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމުގެ ސިޔާދަތާއި އަމިއްލަ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި، ދިފާއީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ވެސް މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި ގައުމީ ދިފާއީ ބާރުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު މަތިކުރުމަށް ވޭތުވެދިޔަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
"މިގޮތުން، ކޯސްޓްގާޑްގެ ހިދުމަތް ދެ ގުނަކުރުމުގެ މަސައްކަތުގެ ތެރެއިން، ތުރުކީ ވިލާތުގެ ސަރުކާރުން ދެއްވި ހިލޭ އެހީއެއްގެ ގޮތުގައި ސިފައިންގެ ހިދުމަތަށް މިހާތަނަށް ތައާރަފު ކުރެވުނު އެންމެ ބޮޑު އަސްކަރީ މަނަވަރު މިދިޔަ އަހަރު ހިދުމަތަށް ނެރުނިން. އަދި ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓަސެޕްޓާ ކްރާފްޓް ހޯދުމުގެ މަސައްކަތް ފަށައި އޭގެ ތެރެއިން ތިން އުޅަނދު މިހާރު ވާނީ ހިދުމަތަށް ނެރެފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އިތުރު 17 އުޅަނދު ހިދުމަތަށް ނެރެވޭނެ. އަދި ދެ ހާބާ ކްރާފްޓް ޕެޓްރޯލް ވެސަލް ހޯދުމަށް ޖަޕާން ސަރުކާރުން ފައިސާގެ އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު، ރާއްޖޭގެ ސަރަހައްދާއި ހާއްސަ އިގުތިސާދީ ސަރަޙައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރު ވެސް މިއަހަރު ހިދުމަތަށް ނެރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު