ސިޔާސަތު ތަންފީޒުކުރަނީ ދީނުގެ ހަމަތަކާ އެއްގޮތަށް ކަމަށާއި، އެހެން ބަޔަކު ކޮންމެ ގޮތަކަށް ދެކުނަސް އެ މަނިކުފާނަށް ފަރުވާލެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ، މާތްވެގެންވާ އިސްލާމް ދީނުގައި ސާފުކޮށް ބަޔާން ކުރައްްވާފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް، ދައުލަތް ހިނގުމުގެ ހުރިހާ ކަމެއްގައިވެސް ކަންކަން ބައްޓަންކޮށް ތަރައްގީކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

"އެހެނީ މާތް ﷲ އިސްލާމް ދީނުގައި އުޅޭން އަޅުގަނޑުމެންނަށް އެކަލާނގެ ރުހިވޮޑިގެންވާގޮތް ވަނީ ފުރިހަމަކޮށް ބަޔާން ކުރައްވައިފަ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގައި، ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ ދައުލަތުގެ އެންމެ އިސް ވެރިޔާގެ މައްޗަށް ލާޒިމު ކަމެއް، އެހެންކަމުން ރައީސުއްދައުލާގެ ހައިސިއްޔަތުން އަޅުގަނޑު ތަންފީޒު ކުރާނީ އެ ސިޔާސަތު،"

ރައީސް ވިދާޅުވީ، ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާތުގެ އަހުލުވެރިން އެހެންގޮތަކަށް އެކަން ދުށުމަކުން ކުޑަވެސް ފަރުވާލެއް ނެތް ކަމަށެވެ.

"އިސްލާމް ދީނުގެ މަތިވެރި ހިދާޔަތަށް ނަސްރު ދިނުމާއެކު ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގޮތުން ދިވެހީންގެ މި ރާއްޖޭގައި ދިވެހީންގެ ހަނދާންތައް އެއްކުރުމާއި ދިވެހި ތަރިކައިގެ ހާއްސަ ސިފަތައް ހޯދުމަށް މުޅި ރާއްޖެ ޝާމިލް ވާނެހެން ތަރިކަވެރިންގެ ވެރިން އުފެއްދުމުގެ މަސައްކަތް ފަށައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާގެ އަސާސީ މަފްހޫމްތައް އާމުކޮށް ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ތަރިކައިގެ ދާއިރާގެ އިލްމީ މުޖުތަމައެއް ގާއިމުކުރުމުގެ މަސައްކަތް އެ ދާއިރާއިން 50 ދިރާސާވެރިން އެކުލެވޭނެހެން ދިރާސާ މަސައްކަތް ފެށިފަ ވަނީ،"