ރާއްޖޭގައި އިއްޔެ ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ލީގުގައި ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި އުޒްބެކިސްތާނުގެ ހޫމޯ ވޮލީބޯލް ކްލަބު ބަލިކޮށްފިއެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ކާވާ އަންހެން ލީގުގައި ރާއްޖޭގެ އިތުރުން އެހެން ފަސް ގައުމެއްގެ ކްލަބްތަކުން ވާދަކުރާނެއެވެ. ރާއްޖޭން ވާދަކުރަނީ ހުރައާއި ކްލަބު ވެމްކޯއެވެ. އޭގެ އިތުރުން ސްރީ ލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބް، ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކްލަބް، ނޭޕާލްގެ ޕޮލިސް ކްލަބް، އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބް އަދި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާން މުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ވެމްކޯ، ހިރުދަރަމާނީ އަދި ޓުރާނެވެ. ގްރޫޕް ބީގައި ހިމެނެނީ ނޭޕާލް ޕޮލިސް ކްލަބް، ހޫމޯ ވޮލީބޯލް ކްލަބް، ފޫލާދު މުބާރަކާ ސެޕަހާން އަދި ހުރައެވެ.

ރާއްޖޭގައި މީގެ ކުރިން 2024 ވަނަ އަަހަރު ބޭއްވި ކާވާ ވިމެންސް ކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ނޭޕާލް ޕޮލިހުން ހޯދީ ފައިނަލުގައި ހޫމޯ ބަލިކޮށްފައެވެ.

އިއްޔެ ހަވީރު މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ޓުރާންއާއި ހިރުދަރަމާނީއެވެ. އެ މެޗު ޓުރާންއިން ކާމިޔާބުކުރީ 3-0 ސެޓުންނެވެ. ސެޓުތައް ދިޔައީ 25-11، 25-8 އަދި 25-20 އިންނެވެ.

ރޭ ހުޅުވުމުގެ ރަސްމިއްޔާތާއެކު ހުރާ، ހޫމޯއާ ދެކޮޅަށް ނުކުތް އިރު، އެ މެޗުން ހުރާ މޮޅުވީވެސް ސީދާ ތިން ސެޓުންނެވެ. ސެޓުތައް ހުރައިން ގެންދިޔައީ 25-24، 25-20 އަދި 25-20 އިންނެވެ.