ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް މި މަހު 12 ގައި ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދޭނީ 3،000 ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ މިއަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މިމަހުގެ 12 ވަނަ ދުވަހު ދޭން ހަމަޖެހިފައިވާތީ، އޮފީސްތަކުން އިނާޔަތުގެ ފައިސާ ވައުޗަރުތައް މިމަހު 10ގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓުކުރަން އަންގައިފައެވެ.

ރޯދަ އިނާޔަތް ދިނުމުގައި އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ގޮތް:

  • ރޯދަ އިނާޔަތުގެ ގޮތުގައި ދޭނީ 3000 ރުފިޔާ
  • މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭނީ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އެކަނި
  • ރޯދަ މަސް ފެށޭ އިރު، ޕޭ ލީވް އަދި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުދޭނެ
  • އެފަދަ ލީވެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ވަޒީފާއަށް ނުކުމެއްޖެ ނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް އިނާޔަތުގެ ފައިސާދިނުން