އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރޯދަ މަހު ދަތުރުކުރާ އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް މިއަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ބުނީ އުމްރާވެރިންނަށް ޑޮލަރު ވިއްކާނީ އަމީނީ މަގުގައި ހުންނަ އެ ބޭންކުގެ ކަސްޓަމާ ސާވިސް ސެންޓަރުގެ އެންމެ ތިރީ ފަންގިފިލާއިން މި މަހު 8 އިން 26 ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށެވެ.

ބީއެމްއެލުން ބުނީ އެ ދުވަސްތަކުގައި މާލެ ސަރަހައްދުގައި ހުރި އެ ބޭންކުގެ އެހެން ބްރާންޗުތަކުން އުމްރާވެރިންނަށް ޑޮލަރު ދޫނުކުރާނެ ކަމަށާއި ނަމަވެސް އަތޮޅުތެރޭގައި ހުންނަ ބްރާންޗުތަކުން އެ ހިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ކަމަށާއި ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެ ކަމަށެވެ. އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަ ނަމަ، އެ ފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެ ކަމަށް ބުންޏެވެ.

ބީއެމްއެލުން އިތުރަށް ބުނީ ކޮންމެ އުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރު ކަމަށާއި ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ ފަސް އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ ކަމަށެވެ. އަދި ޑޮލަރު ގަންނަން ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑުން ކަމަށް ބުންޏެވެ.