ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް، އޭނާގެ ކުރިއަށް އޮތް އެންމެ އުންމީދީ ފިލްމު "ދުނަންދަރް 2" ގެ ފުރަތަމަ ޕޯސްޓަރު މިއަދު ހެނދުނު އާންމުކޮށްފިއެވެ. ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު، މި ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވާއިރު، ފިލްމަށް ދީފައިވާ ނަމަކީ "ދުނަންދަރް: ދަ ރިވެންޖް" އެވެ.
ރަންވީރު އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި މި ޕޯސްޓަރުގައި، އޭނާގެ ކެރެކްޓަރު "ހަމްޒާ" ނުވަތަ "ޖަސްކިރާތު" ފެންނަނީ ވަރަށް ވަރުގަދަ އަދި ރުޅިވެރި ސިފައެއްގައެވެ. ވާރޭގެ ތެރޭގައި، ރަތް އަލީގެ ތެރެއިން ފެންނަ މި ޕޯސްޓަރާއެކު ރަންވީރު ލިޔެފައިވަނީ "މިއީ ހަލާކުވެދާންވީ ވަގުތު" ކަމަށެވެ. މިއީ ފިލްމުގައި އޭނާގެ ދުޝްމަނުންނާ ދެކޮޅަށް ނުކުންނާނެ ކަމުގެ އިޝާރާތެކެވެ.
މި ފިލްމުގެ ޓީޒާ މިއަދު މެންދުރުފަހު ނެރުމަށް ހަމަޖެހިފައިވާއިރު، ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 19 ގައި ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމު ހިންދީ، ތަމަޅަ، ތެލިނގޫ، ކަންނަޑާ އަދި މަލަޔާޅަމް ބަހުން ނެރެން ވަނީ ނިންމައިފައެވެ.
އަކްޝޭ ކަންނާ އެނބުރި އަންނަނީ؟
މި އިއުލާނާއެކު ފޭނުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ، ރަންވީރު ޓެގްކޮށްފައިވާ ތަރިންގެ ލިސްޓުގައި އަކްޝޭ ކަންނާގެ ނަން އޮތުމުންނެވެ. ފުރަތަމަ ފިލްމުގައި ވިލަންގެ ރޯލުން ފެނުނު އަކްޝޭގެ ކެރެކްޓަރު ފިލްމުގެ ނިމުމުގައި މަރުވި ނަމަވެސް، އޭނާގެ ނަން ލިސްޓުގައި އޮތުމުން، ފްލޭޝްބެކް މަންޒަރުތަކަކުން އޭނާ ފެނިގެންދާނެ ކަމަށް ކޮމެންޓުތައް ބުނެއެވެ.
އަދިތިޔާ ދާރް ޑައިރެކްޓްކުރާ "ދުނަންދަރް" އަކީ އިންޑިއާގެ ޖާސޫސަކު ކަރާޗީގެ ނުރައްކާތެރި ގްރޫޕްތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ދައްކުވައިދޭ "ސްޕައި ތުރިލާ" އެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު މި ފިލްމުގެ ފުރަތަމަ ބަޔަކީ ބޮލީވުޑްގެ ތާރީހުގައި ވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ފިލްމަށް 1300 ކްރޯޑަށް ވުރެ ގިނަ ރުޕީސް ލިބިފައިވެއެވެ.
މި ސީކުއަލްގައި ރަންވީރުގެ އިތުރުން ސަންޖޭ ދަތު، އާރް މާދަވަން އަދި އަރުޖުން ރާމްޕާލް ފަދަ ތަރިންވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް