މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިހުލާސްތެރި ވެރިއެއް ކަމަށާއި އެމަނިކުފާނަށް އެއްބާރުލުންދޭ ވިސްނުންތަކަށް ޖާގަދޭން ޖެހޭ ކަމަށް ނައިބު ރައީސް ހުސެެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މި މޭރުމުން ނައިބު ރައީސް ވާހަކަދެއްކެވީ ގދ. ފިޔޯރީގައި ގާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅުތަކާ އެއްގޮތަށް ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާއިރު ރައްޔިތުން އަދާކުރަންޖެހޭ ޒިންމާތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން ރައީސްގެ މަސައްކަތްތަކަށް އެއްބާރުލުންދޭ ވިސްނުންތަކަށް ޖާގަ ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ފިޔޯރީ ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އިންތިހާބުކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

"ތިބޭފުޅުން ރައްޔިތުން މަޖިލިސް އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅު ހަލުވިކޮށްދެއްވުމަށްޓަކައި މި ދާއިރާއަށް ހޮއްވެވީ އެ މަނިކުފާނާ ގުޅިގެން މަސައްކަތްކުރާނެ ވިސްނުންހުރި އެ ހިޔާލާއި ފިކުރުގެ ބޭފުޅެއް،"

2 ފެބްރުއަރީ 2026، ގދ. ފިޔޯރީގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

" އެހެންކަމުން އަބަދުވެސް ވިސްނަންވީ މިގޮތަށް، މިގޮތަށް އަޅުގަނޑުމެންގެ ކުރިމަގު އަޅުގަނޑުމެން ތަރުތީބުކުރަން ޖެހޭނީ، އިހުލާސްތެރި ވެރިޔަކަށް އެބޭފުޅާ ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުންދެވޭ ވިސްނުންތަކަށް އަޅުގަނޑުމެން ޖާގަ ހޯދަން ޖެހޭނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

އެހެން ނޫންނަމަ ސަރުކާރުން ކުރާ މަސައްކަތްތަކަށް އުންދަގޫތައް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަން މީގެކުރިން ރައްޔިތުންވާނީ ތަޖުރިބާކޮށްފައި ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ދެން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ އެރަށުގައި ހުޅުވާ ކާރުހާނާގެ ސަބަބުން އެ ސަރަހައްދަށް ލިބޭނެ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މުޅި އަތޮޅަށް ވަޒީފާގެ ފުރުސަތުތައް ހުޅުވި ތަރައްގީއަށް ފުރުސަތު ލިބޭނެކަން ފާހަގަކުރެއްވިއެވެ.