މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ނަގުދު ފައިސާއިން ދައްކާ އަދަދު ވަގުތުން ބެލޭނެ "ފިތުރު ޕޯޓަލް" މޯލްޑިވްސް ޒަކާތު ހައުސްއިން ތައާރުފުކޮށްފިއެވެ.
ޒަކާތު ހައުސްއިން މިއަދު ބުނީ ކުރިއަށްއޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި "ފިތުރު ޕޯޓަލް"ގެ ނަމުގައި ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރުފުކުރި ކަމަށެވެ.
ފިތުރު ޕޯޓަލް ތައާރުފުކުރުމުގެ މަގުސަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެކަން ކުރިއަށް ގެންދިއުމެވެ.
ޒަކާތު ހައުސްއިން ބުނީ އެ ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުއާމަލާތްތައް ވަގުތުން ބެލުމުގެ ފުރުސަތު ޒަކާތު ހައުސްއަށް ލިބިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިތުރު ޒަކާތުގެ ސައްހަ ޖުމުލަ އަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެ ކަމަށެވެ.
އެގޮތަށް ހުރިހާ މައުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިތުރު ޒަކާތް ލިބުން ހައްގުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާއެކު ޒަކާތް ބެހުމަށް މަގުފަހިވާނެ ކަމަށްވެސް ޒަކާތު ހައުސްއިން ބުންޏެވެ.
ފިތުރު ޕޯޓަލް ތައާރަފުކުރުމަކީ، މުޅި ރާއްޖޭގައި ޒަކާތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާކަން އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ޒަކާތް
ޒަކާތް
ޒަކާތް