މިއަދު ހުޅުވި ދ. ކުޑަހުވަދޫގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗުގެ ހިދުމަތްތައް ދޭނީ މުޅިން ޑިޖިޓަލްކޮށް ކަމަށާއި ހިދުމަތްދިނުމަށް ކައުންޓަރުތަކެއް ނުހުންނާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެ އާ ބްރާންޗް ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ކުޑަހުވަދޫ ބްރާންޗު ވެގެންދާނީ އެ ބޭންކުން ކުރިއަށްއޮތްތާނގައި ހިދުމަތްދިނުމަށް ރާވާފައިވާ ސްޓްރެޓެޖީއާ އެއްގޮތަށް ހިދުމަތްދޭ ބްރާންޗަކަށް ކަމަށެވެ.
"ބްރާންޗުން ހިދުމަތްދޭނީ މުޅިން ޑިޖިޓަލްކޮށް، އަދި ޕޭޕާލެސްކޮށް. ހިދުމަތްދިނުމަށް ކައުންޓަރުތަކެއް ނުހުންނާނެ. ހިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުން، މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްޓަކައި މީޓިން ޕޮއިންޓްސްތައް ލައުންޖް ސްޓައިލަށް މި ބްރާންޗު ޑިޒައިންކުރެވިފައި މި ހުންނަނީ. ސަބަބަކީ ބީއެމްއެލްގައި މިހާރު ހިނގާ ކަސްޓަމާ ޓްރާންސެކްޝަންތަކުގެ ތެރެއިން 99.7 ޕަސަންޓު ޓްރާންސެކްޝަން ހިނގަނީ ޑިޖިޓަލްކޮށް ކަމަށްވާތީ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ ބްރާންޗުން ހިންގާ ހުރިހާ ޓްރާންސެކްޝަންތަކެއް ވެސް ދެން ހިނގަމުންދާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި އެއީ ކޮންމެ ބާވަތެއްގެ އެކައުންޓެއް ހުޅުވުން ކަމުގައިވިޔަސް، ލޯނަކަށް އެދި އެޕްލިކޭޝަނާއި ޑޮކިއުމަންޓު ހުށަހެޅުން ކަމުގައިވިޔަސް، ފައިސާގެ މުއާމަލާތްކުރުން ކަމުގައިވިޔަސް، ކާޑުގެ ހިދުމަތް ހޯދުން ކަމުގައިވިޔަސް، ދެން ކައުންޓަރުގައި ކިޔު ހަދާކަށް ނުޖެހޭނެ ކަމަށެވެ.
އެ ބްރާންޗާއެކު ހުޅުވޭ ސެލްފް ސާވިސް ބޭންކިން ހިދުމަތުގެ ތެރޭގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ވެސް މިއަދު ފެށިގެންދާތީ، ދެން ޑޮލަރު ޖަމާކުރުމަށް ވެސް ކައުންޓަރަށް ދާކަށް ނުޖެހޭނެ ކަމަށާއި އެހެންކަމުން އެ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުން، ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި ވަގުތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ ބްރާންޗުގެ މުވައްޒަފުން ދެން ވެގެންދާނީ ކުޑަހުވަދޫ އަދި އެ ސަރަހައްދުގެ ރައްޔިތުންނަށް ހިދުމަތްދޭން ތިބޭ ބީއެމްއެލްގެ ފައިނޭންޝަލް އެޑްވައިޒަރުންނަށް ކަމަށާއި ބީއެމްއެލްގެ ހިދުމަތް ޑިޖިޓަލްކޮށް ލިބިގަނެވޭނެ ގޮތްތައް ކިޔައިދީ، ކަސްޓަމަރުން އެކަމަށް އަހުލުވެރިކޮށްދޭ ބަޔަކަށް ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، އެކަމަށް ވަގުތުން ހައްލު ހޯދައިދިނުމުގެ މެދުވެރިންނަށް އެ މުވައްޒަފުން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޭމްތަކުން ރައްކާވެ ތިބުމަށް ލަފާދީ، މީގެ އިތުރުން ފައިނޭންޝަލް ލިޓްރަސީ މި ސަރަހައްދުގައި ގާއިމުކުރަން މަސައްކަތްކުރާ ބަޔަކަށް. މާލީ ގޮންޖެހުމެއް ދިމާވުމުން އެ ގޮންޖެހުމުން އަރައިގަންނާނީ ކިހިނެއްކަން ކިޔައިދީ އިރުޝާދުދޭ ބަޔަކަށް. ޒުވާން ވިޔަފާރިވެރިޔާއަށް ވިޔަފާރި ފަށަން ލަފާދޭ ބަޔަކަށް. ވިޔަފާރިއަށް އެންމެ ރަނގަޅު ފައިނޭންސަކީ ކޮބައިކަން ކިޔައިދޭ ބަޔަކަށް،" އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެ ބްރާންޗުގެ މުވައްޒަފުން ވެގެންދާނީ ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ މިތުރުންނަށް ކަމަށާއި ކަމެއް ދަމެއް ބޮޑުވުމުން ހިޔާލު ބަދަލުކޮށްލައި، އެހީތެރިވެދޭ މަދަދުވެރިންނަށް ކަމަށެވެ. އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ބީއެމްއެލްގެ ހުރިހާ ބްރާންޗެއްގެ ހިދުމަތް ވެސް އެގޮތަށް ބައްޓަންވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް