ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޭންކުގެ މާލީ ކުރިއެރުމަށާއި، ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭންކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ތައުރީފުކުރައްވައިފިއެވެ.

ބީއެމްއެލްގެ މަސައްކަތްތަކަށް ތައުރީފުކުރައްވައި ޒަމީރު ވާހަކަދެއްކެވީ ދ. ކުޑަހުވަދޫގައި ގާއިމުކުރި އެ ބޭންކުގެ އާ ބްރާންޗް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ޒަމީރު ވިދާޅުވީ، ކުޑަހުވަދޫގައި ހުޅުވުނު އާ ބްރާންޗަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ މުހިންމު ހިއްސާއެއް ކަމަށެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް ނިމިފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ރޭވިފައިވާ ކަންކަމުގެ ތަފްސީލު ދެއްވިއެވެ.

ހިދުމަތްތައް ފުޅާކުރުމަށް ރޭވިފައިވާ މަޝްރޫއުތަކަށް ބަލާއިރު، މިއަހަރަކީ މުހިންމު އަހަރެއްކަން ޒަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 70 ޑޮލަރު އޭޓީއެމް ބެހެއްޓުމަށާއި، އަންނަ މާޗު މަހުގެ ނިޔަލަށް އިތުރު 12 ބްރާންޗެއް ހުޅުވުމަށް ނިންމާފައިވާކަން ހާމަކުރެއްވިއެވެ. ބޭންކުން އަބަދުވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމަމުންދާކަން ފާހަގަކުރައްވައި، މި މަޝްރޫއުތައް ވެސް ވަގުތަށް ނިމޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލުން މިއަދު ކުޑަހުވަދޫގައި އެ ބޭންކުގެ އާ ބްރާންޗެއް ރަސްމީކޮށް ހުޅުވަނީ. -- (ފޮޓޯ/ ބީއެމްއެލް)

ބޭންކުގެ މާލީ ހިސާބުތަކަށް ބައްލަވައިލައްވަމުން ޒަމީރު ވިދާޅުވީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 828 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މުޅި އަހަރަށް ބަލާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން 3.2 ބިލިއަން ރުފިޔާގެ ފައިދާއެއް ބޭންކުން ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. ސަރުކާރަކީ ބޭންކުގެ މައި ހިއްސާދާރުކަމަށް ވުމާއެކު، ބޭންކުގެ މި ކާމިޔާބީއަކީ ހަރުދަނާ މާލީ މެނޭޖްމަންޓެއްގެ ނަތީޖާ ކަމަށާއި، މިއީ ރައްޔިތުންނަށް ހިދުމަތްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

ބީއެމްއެލުން ބުނީ އަލަށް އިމާރާތްކުރި އެ ބްރާންޗު ހުޅުވުމާއެކު ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗްގެ މަސައްކަތްތައް އާ ބްރާންޗަށް ބަދަލުކުރާނެ ކަމަށެވެ. އޭގެ ސަބަބުން ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ އިތުރުވަމުންދާ ބޭންކިން ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.

މުޅި ރާއްޖެއަށް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 12 ބްރާންޗެއް ހުޅުވުމަށް ބީއެމްއެލުން ވަނީ ނިންމައިފައެވެ.

‎މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލުން އަންނަނީ ދެމުންނެވެ.