ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއް ރަސްމީކޮށް ހުޅުވައިފިއެވެ.
އެ އާ ބްރާންޗް ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލުން ބުނީ އަލަށް އިމާރާތްކުރި އެ ބްރާންޗު ހުޅުވުމާއެކު ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗްގެ މަސައްކަތްތައް އާ ބްރާންޗަށް ބަދަލުކުރާނެ ކަމަށެވެ. އޭގެ ސަބަބުން ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ އިތުރުވަމުންދާ ބޭންކިން ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، ކުޑަހުވަދޫގައި ހުޅުވުނު އާ ބްރާންޗަކީ ރަށްތަކުގެ އިންފްރާސްޓްރަކްޗާއަށް ކުރާ އިންވެސްޓްމަންޓާއި، ޒަމާނީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ދައްކުވައިދޭ ކަމެއް ކަމަށެވެ.
"މި ޕޭޕާލެސް ބްރާންޗުން ހިދުމަތްތައް ދޭނީ ޑިޖިޓަލްކޮށް. މީގެ ސަބަބުން ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަކަމާއި ހަލުވިކަން ލިބިގެންދާނެ. މި ބްރާންޗުގެ ސަބަބުން މި ސަރަހައްދުގެ އާންމު ފަރުދުންނާއި، އާއިލާތަކާއި ވިޔަފާރިތަކަށް ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 12 ބްރާންޗެއް ހުޅުވުމަށް ބީއެމްއެލުން ވަނީ ނިންމައިފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލުން އަންނަނީ ދެމުންނެވެ.
އާއިޝަތު މާހާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް