ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ތިލަފުށީގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމް ހިދުމަތް ގާއިމުކޮށް، މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގަ އިތުރަށް ހަރުދަނާކޮށްފިއެވެ.

ތިލަފުށީގައި އޭޓީއެމް ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން އެ ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލުން ބުނީ މިއަހަރުގެ ތެރޭގައި އިތުރު ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި ބްރާންޗްތައް އަދި އޭޓީއެމްތައް ގާއިމުކޮށް ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭރު ފައިސާއަށް ވާސިލުވުމަށް އިތުރަށް ފަސޭހަކޮށްދިނުމަށް 70 އަށްވުރެ ގިނަ ޑޮލަރު އޭޓީއެމް ގާއިމުކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

30 ޖެނުއަރީ 2026، ކ. ތިލަފުށީގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށުން -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަމުންދާ އިރު، އެ ބޭންކުގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

"ތިލަފުށީގައި ގާއިމުކުރެވުނު ސެލްލް ސާވިސް އޭޓީއެމްއިން ދައްކުވައިދެނީ ވިޔަފާރި މުޖުތަމައުތަކަށް ބޭންކިން ހިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް އަޅުގަނޑުމެންދޭ އަހުމިއްޔަތުކަން. 2026 ވަނަ އަހަރު ހިދުމަތް ފުޅާކުރުމަށް ރާވާފައިވާ ކަންކަމައިގެން އަޅުގަނޑުމެން ކުރިއަށްދާ އިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ކަސްޓަމަރުންނަށްވެސް ފަސޭހަ އަދި އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މުހިންމު އިސްކަމެއް ދޭ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.