ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނަތްތެރި ވި މައްސަލައިގައި މަނީ ލޯންޑަރިނަށް އެހީތެރިިވިކަމުގެ ދައުވާ އުފުލާފައިވާ އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް، ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފިއެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ ތަނުގެ ފައިސާއިން އަމިން ކޮންސްޓްރަކްޝަންގެ ލަގްޒަރީ އެޕާޓްމަންޓެއް ގަތް މައްސަލައިގައި އަގީލްގެ މައްޗަށް ކޮށްފައިވަނީ މަނީލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން މިއަދު ބުނީ ތައިލެންޑުން އޭނާ ހިފަހައްޓާފައިވަނީ ވިސާ ވަޔޮލޭޝަން މައްސަލައާ ވެސް ގުޅިގެން ކަމަށެވެ. އަދި އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާތީ ތައިލޭންޑް ކަމާބެހޭ އިދާރާއިން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަގީލް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ބައްސާމްގެ މައްސަލައާ ގުޅިގެން އަގީލް ކޯޓަށް ހާޒިރު ނުކުރެވިގެން ގިނަ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހުނެވެ.

އަގީލްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެޕާޓްމަންޓް ގަތުމަށް އަމީން ކޮންސްޓްރަކްޝަނުގެ އެކައުންޓަށް ބައްސާމް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ، ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމުގައި ދެއްކުމުގެ ގޮތުން، އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވަނީސް، 15.4 މިލިޔަން ރުފިޔާ ލިބުނު ކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީއެވެ. އަދި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމީން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާ ކުރުމަށް ބައްސާމަށް އެހީތެރިވެދީފައިވާތީއެވެ.