މާލޭގައި ރޯދަ ހަދިޔާ މަސް ދަޅު ކޭސްތައް ބަހަން ފެށިފަހުން މިހާތަނަށް 19,468 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި ލޯކަލް ކައުންސިލް އިދާރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަރީފް މިއަދު އެކްސްގައި ވަނީ އެ މަސައްކަތުގައި އުޅޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައި ޕޯސްޓެއް ކުރައްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ރަމަޟާން މަހު ވެސް، ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލޭގައި ބަހަން ފެށީ މިމަހުގެ 24 ގައެވެ. އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވަން ފަށައިފައިވަނީ މި ހަފުތާގެ ހޯމަ ދުވަހުގައެވެ.

މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބަހަން ވަނީ ނިންމައިފައެވެ.

މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ގެ ނިޔަލަށެވެ. އެއީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 20:30 އިން 23:00 އަށެވެ. ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންކަމަށް މިނިސްޓްރީން ބުންޏެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:

މާލެ

  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު
  • އެމްޓީސީސީ ސޯވިލު
  • ހެންވޭރު ބޯޅަދަނޑު
  • ގަލޮޅު ދަނޑު (1)
  • ގަލޮޅު ދަނޑު (2)
  • ގަލޮޅު ދަނޑު (3)
  • ގަލޮޅު ދަނޑު (4)

ހުޅުމާލެ- ފޭސް 1؛

  • އުމަރު ޒާހިރު ބިލްޑިން
  • ޕޮލްކޯ ޓަވަރު ތިރި
  • މުހައްމަދު ގާސިމް ޕްރީ ސްކޫލް

ހުޅުމާލެ ފޭސް 2؛

  • ކާމިލުދީދީ ސްކޫލް
  • ހިޔާޓަވަރު 10
  • ވިނަރެސް ފްލެޓް

ވިލިމާލޭގައި ނަމަ ރޯދަ ހަދިޔާ މަސްދަޅު ކޭސް ބަހަނީ ވިލިމާލެ ވެމްކޯ ސައިޓުގައެވެ.

ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަނަށް ފުލުހުން ރޯދަ ހަދިޔާ ޕޯޓަލް roadhahadhiya.mv ތައާރަފުކޮށް، ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ހުޅުވާލީ މިމަހުގެ 22ގައި އެވެ.