ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް، ހިންދޫންގެ ދީނީ އިހުސާސްތަކަށާއި ކަރުނާޓަކާގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ގަބޫލުކުރާ "ޗާވުންޑީ ދައިވާ" ސަގާފަތަށް ކުޑައިމީސްކުރި ކަމަށް ބުނެ އޭނާއާ ދެކޮޅަށް ބެންގަލޫރުގައި މައްސަލައެއް ފައިލްކޮށްފިއެވެ.
ބެންގަލޫރަށް ނިސްބަތްވާ ވަކީލެއް ކަމަށްވާ ޕްރަޝާންތު މެތަލް ހުށަހެޅި މި ޝަކުވާއާ ގުޅިގެން، ރަންވީރުގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ ބާރަތިޔާ ނިޔާޔާ ސަންހިތާ (ބީއެންއެސް) ގެ 196، 299 އަދި 302 ވަނަ މާއްދާގެ ދަށުންނެވެ.
މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު 28 ގައި ގޯއާގައި ބޭއްވި އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) ގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މައްސަލަ ހުށަހެޅި ފަރާތުން ބުނާ ގޮތުގައި، ރަންވީރު ވަނީ އެ ފެސްޓިވަލްގެ ސްޓޭޖްމަތީގައި "ކަންތާރާ" ފިލްމުގައި ފެންނަ ދީނީ އަދި ސަގާފީ ހަރަކާތްތަކަށް މަލާމާތްކޮށް، "ޕަންޖުރްލީ" އަދި "ގުލިގާ ދައިވާ" އާ ގުޅޭ ހަރަކާތްތައް ވަރަށް ބޭއަދަބީ ގޮތަކަށް ނަކަލުކޮށްފައެވެ.
ވަކީލު ޕްރަޝާންތު ފާހަގަކުރި ގޮތުގައި، ރަންވީރު ވަނީ މުގައްދަސް ފަރާތެއް ކަމަށްވާ "ޗާވުންޑީ ދައިވާ" އަކީ "އަންހެން ފުރޭތައެއް" ކަމަށް ސިފަކޮށްފައެވެ. ނަމަވެސް، މިއީ ކަރުނާޓަކާގެ ސަގާފަތުގައި އަންހެން ބާރުގެ ރަމްޒެއްގެ ގޮތުގައި ބަލާ ރޫހާނީ ފަރާތެއް ކަމަށާއި، ރަންވީރުގެ މި ވާހަކަތަކަކީ ދީނީ އިހުސާސްތަކަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގައި ފާޑުކިޔުންތައް އަމާޒުވުމުން ރަންވީރު ވަނީ ސޯޝަލް މީޑިއާގައި މައާފަށް އެދިފައެވެ. ރަންވީރު ބުނި ގޮތުގައި އޭނާގެ މަގުސަދަކީ އެކްޓަރު ރިޝަބް ޝެޓީގެ މޮޅު އެކްޓިންއަށް ތައުރީފުކުރުމެވެ. އަދި އޭނާއަކީ ހުރިހާ ސަގާފަތްތަކަކާއި ދީންތަކަށް އިހުތިރާމްކުރާ މީހެއް ކަމަށާއި، ގޯސްކޮށް ކަމެއް ކުރެވުނު ނަމަ އެކަމަށް މައާފަށް އެދޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އައިއެފްއެފްއައި 2025 ގެ އެ ހަފުލާގައި ރިޝަބް ޝެޓީވެސް ބައިވެރިވިއެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ރިޝަބް އެކަން ނުކުރުމަށް އެދިފައިވަނިކޮށްވެސް ރަންވީރު ވަނީ ސްޓޭޖްމަތީގައި އެ ހަރަކާތްތައް ދައްކާފައެވެ.
މި މައްސަލަ މިހާރު ވަނީ ބެންގަލޫރުގެ ފުރަތަމަ އެޑިޝަނަލް ޗީފް މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައެވެ. މި މައްސަލައިގެ އަޑުއެހުމެއް އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 23 ގައި ވަނީ މި މައްސަލަ އެފްއައިއާރްއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ތަހުގީގު ކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް