ރޯދަ ހަދިޔާ މަސް ދަޅު ކޭސްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވަން ފަށައިފައިވާކަމަށް ސިޓީތަކާއި ލޯކަލް ކައުންސިލް އިދާރާތަކާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
''ދިވެހިރާއްޖޭގެ އަޑުން'' މިއަދު ހެނދުނު ގެނެސްދިން ''އަދުގެ ރާއްޖެ'' ޕްރޮގްރާމްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު ވިދާޅުވީ އިއްޔެއިން ފެށިގެން އަތޮޅު ތެރޭގެ ރަށްތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންކަމަށް މިނިސްޓްރީން ބުންޏެވެ.
މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބަހަންވަނީ ނިންމައިފައެވެ.
މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ގެ ނިޔަލަށެވެ. އެއީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 20:30 އިން 23:00 އަށެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް