ސުކޫލުތައް ހިމެނޭ ސަރަހައްދުތަކާއި މަގުމަތީގެ ރައްކާތެރިކަމަށް އެންމެހާ ރައްޔިތުން ސަމާލުވުމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން، އިލްތިމާސްކުރައްވައިފިއެވެ.

ސީޕީ ނަވީން މިކަމަށް އިލްތިމާސް ކުރެއްވީ، މިއަދު ފެށުނު މިއަހަރުގެ ދިރާސީ އަހަރާ ގުޅުގިގެން ދެއްވި މެސެޖެއްގައެވެ.

މި މެސެޖުގައި ސީޕީ ވިދާޅުވީ އަހަރެއް ފެށުމަކީ އާ އުއްމީދުތަކަކާއި، އާ އަޒުމްތަކަކާއި އަދި ކުރިއަށް ދިއުމަށް އާ ފުރުސަތުތަކެއް ލިބިގެންދާ މުހިންމު ވަގުތެއް ކަމަށެވެ.

"މިއީ ތިޔަ ކުދީންގެ މުޅި ހަޔާތަށް ބޭނުންވާނެ މުހިންމު ސިފަތަކާއި އިލްމު އުނގެނުމަށް ލިބޭ އަގުހުރި ފުރުސަތެއް،"

ތައުލީމަކީ ހަމައެކަނި ފޮތްތަކުން އުނގެނޭ އެއްޗެއް ނޫން ކަމަށާއި، އެއީ އަހުލާގާއި، އަދަބުވެރިކަމާއި، ޒިންމާ އުފުލުމުގެ އިތުރުން އެކަކު އަނެކަކަށް އިހުތިރާމުކުރަން ދަސްކުރުން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. މި ސިފަތަކަކީ އަމާން އަދި އުފާވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ސިފަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ދަރިވަރުންނާއި، ބެލެނިވެރިންނާއި މުދައްރިސުން އަދި އާންމު ރައްޔިތުން ގުޅިގެން، ކޮންމެ ކުއްޖަކު ވެސް ސުކޫލަށް ކުރާ ދަތުރަކީ އަމާން އަދި އުފާވެރި ދަތުރަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައްޔާއި، އަމާން އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ސުކޫލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ،" ސީޕީ ނަވީން ވިދާޅުވިއެވެ.