މި އަހަރުގެ ރޯދައަށް ތައްޔާރުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މާދަމާ ހުޅުމާލޭގައި "ރޯދަ ބާޒާރު" ފަށަން ތައްޔާރުވެއްޖެއެވެ.

އެޗްޑީސީއާއި ހައިރައިސް ގުޅިގެން މި ބާޒާރު ކުރިއަށްގެންދާނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި، 08:00 އިން 11:30 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ބާޒާރުގައި 50 ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އެ ސްޓޯލްތަކުން ކައްކާ ތެއްޔާއި ބަދިގޭގައި ހިފައި ގެންގުޅޭ ތަކެއްޗާއި ގޭތެރެ ޒީނަތްތެރިކުރާ ތަކެއްޗާއި އަންނައުނު އަދި ހާޑްވެއާ ސާމާނުގެ އިތުރުން ކާބޯތަކެއްޗާއި އެހެނިހެން ސްޓޯލްތައްވެސް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މިއީ ރޯދަމަހަށް ތައްޔާރުވުމަށް އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ރޯދައަށް ގޭތެރެއަށް ބޭނުންވާ ތަކަތި ފަސޭހައިން އެއްތަނަކުން، އަދި އަގުހެޔޮކޮށް ލިބޭނެ ގޮތް މަގުފަހިކުރުމަށް ކުރިއަށްގެންދާ ބާޒާރެއް ކަމަށެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ، އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ.