ރާއްޖެއާއި އިންޑިއާ ރައްޔިތުންގެ މަންފާއަށް ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެން މޯދީ ވިދާޅުވީ، ރައީސް ފޮނުއްވި ހޫނު ތަހުނިޔާއާއި ހެޔޮއެދުން އިހްތިރާމާއިއެކު ބަލައިގަންނަ ކަމަށެވެ.

"ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށްގެންދާނަން. އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ އުފާވެރި ފާގަތި ދުވަސްތަކެއްކަމުގައި ވުން އެދެން" މޯދީ ވިދާޅުވިއެވެ.

ތަނުހިޔާގެ މެސެޖުގައި ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ފެންނާން ހުރި ތަރައްގީ، ފަހުރުވެރިކަމާއެކު ހަނދާން އާ ކުރައްވައިފައެވެ.

ބޮޑުވަޒީރު މޯދީގެ ބެއްލެވުމުގެ ދަށުން، ސަރަހައްދީ ފެންވަރުގައި އިންޑިއާއިން ދައްކާ އިސްނެގުން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ދެ ގައުމުން މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް، އަމަލީގޮތުން އެއްބާރުލުން ދިނުން އިތުރުކުރުމުގެ އަޒުމުގައި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަން ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.