މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ 10 މީހުންނަކީ، ލ. އިސްދޫ، ގުޑްލައިފް، މުހައްމަދު ހަސަން (59އ)، ސ. ހިތަދޫ، އުދަ، އަލީ އިރުފާނު އަހުމަދުދީދީ (26އ)، ސ. ހިތަދޫ، ނަންރީތިގެ، އަލީ ޝިރާޒު (38އ)، ހދ. ވައިކަރަދޫ، ޕެރިމްރޯޒް، އަބްދުﷲ ނާފިޒް (39އ)، ގއ. ކަނޑުހުޅުދޫ، ފޫހިވާގެ، މުހައްމަދު އަލީ (42އ)، މ. މާލޭގެއާގެ، މާލެ، މުހައްމަދު ނުހާދު އަލީ (30އ)، ހއ. ކެލާ، ޕެނަމާ، މުހައްމަދު ސިމާދު (38އ)، ގދ. ފިޔޯރީ، ހީނާމާގެ، އަލީ އިމްރާން (38އ) އަދި ގދ. ތިނަދޫ، ގުލްބަކާގެ، އަބްދުﷲ އިސްރާގް (19އ)، ކ. ހިންމަފުށި، މެޑޯޒް، މުޖައްމަދު އިބްރާހީމް (49އ) ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުންވަނީ މުހައްމަދު އިބްރާހީމް ފަސްދުވަހަށް، މުހައްމަދު އަލީއާއި މުހައްމަދު ހަސަން ހަތްދުވަހަށް، އަލީ އިރުފާން އަހުމަދުދީދީ 10 ދުވަހަށް އަދި އަނެއް ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ތެރެއިން އެކަކު ހިންމަފުށިން ހައްޔަރުކޮށްފައިވާއިރު، ތިން މީހަކު ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީންކަމަށް ފުލުހުން ބުންޏެވެ. ބާކީތިބި މީހުން ހައްޔަރުކޮށްފައިވަނީ މާލެއިންކަމަށް ފުލުހުން ބުންޏެވެ.
"މި މީހުން ހައްޔަރުކޮށްފައިވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279،600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުންނެވެ. މި ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގޭންގު ކްރައިމްއާއި ހިންމަފުށި ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވިއެވެ." ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުންކަމަށް ފުލުހުން ބުންޏެވެ. އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާ އަށް މުދާ ގަނެފައިވާކަމަށް ފުލުހުން ބުންޏެވެ.
އަނެއް ތިން މީހުންނަކީ އެކި މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުންކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް