ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ ނަމުގައި ޒާތީ މައުލޫމާތު ހޯދަތީ ސަމާލުވާން އެދިއްޖެއެވެ.

އެޗްޑީސީން އިއްޔެ ބުނީ އެ ކޯޕްރޭޝަންގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލްތަކާއި މެސެޖުތަކަށް ސަމާލުވުމަށާއި އެއްވެސް ފަރާތަކަށް އަމިއްލަ މައުލޫމާތު ނުވަތަ ފައިސާގެ މުއާމަލާތެއް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އެޗްޑީސީގެ ނަމުގައި ވައިބާ، އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް އޯލުވާލައިގެން މައުލޫމާތު ހޯދުމަށް ކުރަމުންދާ މަސައްކަތަށް އާންމުން ސަމާލުވުމަށް،" އެ ކޯޕްރޭޝަނުން އެދިފައިވެއެވެ.

އެޗްޑީސީން މިކަމާ ގުޅޭގޮތުން އިތުރަށް ބުނީ ހައުސިން މަޝްރޫއުތަކާއި ސޯޝަލް ހައުސިން ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެޗްޑީސީން ވައިބާ ނުވަތަ ފޯނު ކޯލެއް މެދުވެރިކޮށް އާންމުންނަށް ނުގުޅާނެ ކަމަށެވެ.

މީގެ ކުރިންވެސް އެ ކޯޕްރޭޝަނުގެ ނަމުގައި އޮޅުވާލައިގެން، ފައިސާ ހޯދުމަށް ސްކޭމްތަކެއް ހިންގާފައިވެއެވެ.