އިރާނުގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ކުރަމުން ދިޔަ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 5،000 އަށް އަރާ ކަމަށް އެމެރިކާގެ އިންސާނީ ހައްގުތަކާބެހޭ ގުރޫޕަކުން ބުނެފިއެވެ.

މުޒާހަރާގެ ބައިވެރިންނާއި އަނިޔާވި އަދި މަރުވި މީހުންގެ އަދަދު އިރާނުން އޮޅުވާލާފައިވާ ކަމަށް ބުނެ ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުން ވަނީ އަމިއްލަ ތަހުގީގުތަކެއް ވެސް ފަށައިފައެވެ.

އެމެރިކާގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ (އެޗްއާރްއޭއެންއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުން ހާމަވާ ގޮތުގައި އިރާނުގައި ކުރިޔަށްދިޔަ މުޒާހަރާތަކުގައި 5،002 މީހުން މަރުވެފައިވެއެވެ.

އެޖަމިއްޔާއިން ވަނީ މަރުވި މީހުންގެ ތެރޭގައި 4،714 މީހުންނަކީ މުޒާހަރާގެ ބައިވެރިން ކަމަށާއި 42 ކުޑަކުދިންވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ޖަމިއްޔާއިން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން އިރާނުގެ ސަލާމަތީ ބާރުތަކުގެ 207 ސިފައިން މަރުވެފައިވާ ކަމަށާއި އަދި އިތުރު 39 މީހަކު މަރުވެފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާގެ ޖަމިއްޔާއިން ވަނީ އަދި ވެސް މަރުވި މީހުންގެ އަސްލު އަދަދު ޔަގީން ނުވާ ކަމަށް ބުނެފައެވެ.

މިހާތަނަށް ލިބިފައި ހުރި މައުލޫމާތުން މިހާތަނަށް 26،852 މީހުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ.

އިރާނުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ހުއްޓުވާފައިވާ އިރު އިރާނުގެ ސަރުކާރުން ވަނީ އެމުޒާހަރާތަކަކީ އެމެރިކާ އާއި އިސްރާއީލުން ފަންޑުކޮށްގެން ކުރިޔަށް ދިޔަ މުޒާހަރާތަކެއް ކަމަށް ބުނެފައެވެ. އެގޮތުން މުޒާހަރާގައި އިރާނުން ބޭރު ގައުމުތަކުގެ ބަޔަކު ބައިވެރިވެފައިވާ ކަމަށް ވެސް އެގައުމުން ބުނެއެވެ.

އިރާނުގެ އާންމުން އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށުމާއެކު އެމެރިކާ އާއި އިސްރާއީލުން ވަނީ މުޒާހަރާގެ ބައިވެރިންނާ އެކު ތިބި ކަމަށް ބުނެ ތާއީދުކޮށްފައެވެ.